ޚަބަރު

ޓްރަމްޕާއި ޒެލެންސްކީގެ ބައްދަލުވުން ބޮޑު ޒުވާބަކަށް، ޔޫކްރެއިނަށް އިތުރު ނުތަނަވަސްކަން


ރަޝިޔާ އާއި ޔޫކްރެއިނާ ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާ ދެމެދު މުޙިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވުނު ބައްދަލުވުން ބޮޑު ޒުވާބަކަށް ބަދަލުވެ، ބައްދަލުވުން ކުރުކޮށްލައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ކޮޅަށް ބުރަވެވަޑައިގެން ހުންނެވި ޓްރަމްޕާ ގުޅުން އިޢާދަކުރަން ޒެލެންސްކީ އެމެރިކާއަށް ވަޑައިގެން، މިއަދު ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޓްރަމްޕާ ބައްދަލުކުރައްވައިފައެވެ.

ނަމަވެސް، ޓްރަމްޕާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާއަށް އިޙްތިރާމް ކުޑަކޮށް ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ދެ ރައީސުންގެ މެދުގައި މި އަރައިރުން ހިނގާފައިވަނީ ނޫސްވެރިންގެ ވެސް ކުރިމަތީގައެވެ. އެ ބައްދަލުވުން ކުރުކޮށްލައްވައި، ޒެލެންސްކީ ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމަށް އެންގެވި ކަމަށްވެސް އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ދެ ރައީސުންގެ މެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ހޫނުވީ، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޕުޓިންއާ އެކު ޚާރިޖީ މަޝްވަރާގެ އުޞޫލު އިސްކުރަންޖެހޭ ކަމަށް ވާންސް ވިދާޅުވުމާއެކުއެވެ.

"ކޮން ޚާރިޖީ މަޝްވަރާތަކެއްގެ ވާހަކައެއްތޯ ޖޭޑީ ތިޔަ ވިދާޅުވަނީ؟،" މީގެކުރިން ވެސް ޕުޓިންއާއެކު ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ނެރެވިފައިނުވާކަމަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު މި ދައްކަނީ، މަނިކުފާނުގެ ޤައުމު ސުންނާފަތިވުމުން ސަލާމަތް ކުރުމުގެ މަޝްވަރާތަކެއްގެ ވާހަކަ،" ރައްދުގައި ވާންސް ވިދާޅުވިއެވެ.

އޭގެފަހުން ޓްރަމްޕް ވަނީ ބަހުގެ ޙަމަލާތަކެއް ޒެލެންސްކީއަށް ރައްދު ކުރައްވައިފައެވެ.

ޓްރަމްޕް ފަހުން ސޯޝަލް މީޑިޔާގައި ވިދާޅުވި ގޮތުގައި، ޒެލެންސްކީ ވަނީ އެމެރިކާއަށް އިޙްތިރާމް ކުޑަވާ ގޮތަށް ޢަމަލު ކުރައްވައިފައެވެ.

"މިކަމުގެ ތެރޭގައި އެމެރިކާގެ ބައިވެރިވުން އޮތްހާ ހިނދަކު، ސުލްޙަ ޤާއިމުކުރަން ޒެލެންސްކީ ބޭނުންނުވާކަން ހާމަވަގެން ގޮސްފި. ސުލްޙަ ޤާއިމުކުރަން ބޭނުންވާ ދުވަހަކުން އެނބުރި ވަޑައިގަންނަވަންވީ،" ޓްރަމްޕް ވިދާޅުވިއެވެ.

ބައްދަލުވުން ބޮޑު އަރައިރުމަކަށް ބަދަލުވިނަމަވެސް، ޓްރަމްޕާއެކު ގުޅުން އަދިވެސް އިޢާދަކުރެވޭނެކަމަށް ޔަޤީންކުރައްވާ ކަމަށް އެމެރިކާގެ ފޮކްސް ނިއުސްއަށް ޒެލެންސްކީ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.

އަދި އެ ބަސްދީގަތުމުގެ ތެރެއިން ޒެލެންސްކީ ވަނީ ޓްރަމްޕާއެކު ހިނގައިދިޔަ ޚިޔާލުތަފާތުވުންތަކާ ގުޅިގެން އެމެރިކާގެ ރައްޔިތުންގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ.
މި މަޝްވަރާތަކަށްފަހު، ޔޫކްރެއިނުގެ އަގުބޮޑު މައުދަނުތަކާ ގުޅޭ އެއްބަސްވުމެއްގައި އެމެރިކާ އާއެކު ސޮއިކުރުމަށް އޮތީ ހަމަޖެހިފައެވެ.

އެ އެއްބަސްވުމަކީ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އެހީގެ އަގު އަދާކޮށް، މުސްތަޤުބަލުގައި ވެސް އެހީ ފޯރުކޮށްދިނުމާ ގުޅޭ މުޙިންމު ފިޔަވަޅެއްގެ ގޮތުގައި ދެ ފަރާތުން ވެސް ވަނީ ސިފަކޮށްފައެވެ.

ނަމަވެސް، މި ބައްދަލުވުމަށްފަހު އެ އެއްބަސްވުމާ މެދު ޓްރަމްޕްގެ ޝައުޤުވެރިކަމެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން، އެމެރިކާއިން ޔޫކްރެއިނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އިޢުލާނުކުރާނެކަމަށް ވިލާތުގެ ޤައުމުތަކުން ވެސް ތިބީ ޢުއްމީދުކޮށްގެންނެވެ.

ނަމަވެސް، އޭގެ ބަދަލުގައި، އެމެރިކާއިން ޔޫކްރެއިނަށް ކުރަމުން އަންނަ ތާޢީދާ އެކު އެހީ ދިނުން ވެސް ހުއްޓާލާނެކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

"އެއްބަސްވުމަކަށް ނާދެވޭ ކަމަށްވަނީނަމަ، މިހާ ހިސާބުން އަޅުގަނޑުމެންގެ [އެމެރިކާ]ގެ ބައިވެރިވުން ނިމުނީ،" ޓްރަމްޕް ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިން، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.

ހަނގުރާމައިގައި ޔޫކްރެއިނަށް މާލީ ގޮތުންނާއި، ހަތިޔާރާއި އަސްކަރީ ދާއިރާއިން އެންމެ ބޮޑު އެހީތެރިކަމެއް ވެދެމުން ގޮސްފައި ވަނީ އެމެރިކާއިންނެވެ.

އެމެރިކާގެ އެހީތެރިކަން ނުލިބޭނަމަ، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުގެ އަސްކަރިއްޔާއަށް މާގިނަ ދުވަހު ހިފަހައްޓައި ނުލެވޭނެކަމަށް ޒެލެންސްކީ ވެސް ވަނީ ވިދާޅުވެފައެވެ.