އެންމެ ދުވަސްވީ ޓެސްޓް ކްރިކެޓް ކުޅުންތެރިޔާ ދެކުނު އެފްރިކާގެ ބެޓްސްމަން ރޮން ޑްރަޕާ މަރުވެއްޖެއެވެ. އުމުރުން 98 އަހަރުގެ ޑްރަޕާ މަރުވީ އިއްޔެއެވެ.
އޭނާގެ އާއިލާގެ ފަރާތުން ޅީ ދަރިފުޅު ނީލް ތޮމްސަން ވަނީ ޑްރަޕާ މަރުވެއްޖެކަން ކަށަވަރުކޮށްދީފަ އެވެ. މިއާއެކު ދުނިޔޭގައި މިވަގުތުހުރި އެންމެ ދުވަސްވީ ޓެސްޓް ކްރިކެޓް ކުޅުންތެރިއަކީ އުމުރުން 96 އަހަރުގެ ނީލް ހާވޭ އެވެ.
ޑްރަޕާ އަކީ ބެޓްސްމަނެއްގެ އިތުރުން ބައެއް ފަހަރު ވިކެޓް ކީޕަރަކަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އަށް ދެކުނު އެފްރިކާގެ ގައުމީ ޓީމުން ޖާގަ ލިބުނީ ޕްރޮވިންސް މުބާރާތުގައި 86 މެޗު ކުޅުނު ފަހުންނެވެ. އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެން 1949 ވަނަ އަހަރު ނެގި ދެކުނު އެފްރިކާގެ ޓީމުގައި ހިމެނިގެން އޭނާ ވަނީ 25 ލަނޑު ހަދައިފަ އެވެ. އަދި 1960 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ކްރިކެޓް ކުޅެފަ އެވެ. އެވްރެޖްކޮށް މެޗަށް އޭނާ ވަނީ 41 ލަނޑު ހަދައިފަ އެވެ.