މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.
ޓީރެކްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޖެހި ޖެހިގެން ތިންވަނަ ފަހަރަށް މިމުބާރާތް ކާމިޔާބުކޮށް ތަށި މިލްކުކުރަން ނިކުތް ކިންގްސް ބާސްކެޓްބޯލް ކްލަބް ފައިނަލްގައި ބަލިކޮށްގެންނެވެ. މުބާރާތުގެ ފައިނަލް މެޗު ޓީރެކްސް ކާމިޔާބުކުރީ 8 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 62 - 54 ނެވެ.
މެޗު ފަށައިގެން ފުރަތަމަ 5 ޕޮއިންޓް ހޯދާ ލީޑު ނެގީވެސް ޓީރެކްސްއެވެ. އަދި މި ލީޑު މުޅި މެޗުގައި ޓީރެކްސްއިން ވަނީ ދަމަހައްޓާފައެވެ. ފުރަތަމަ ކުއާޓަރ ނިމުނީ 16 - 11 އިންނެވެ. ދެވަނަ ކުއާޓަރގައި ޓީރެކްސް ވަނީ 5 ޕޮއިންޓުގެ ލީޑު 8 ޕޮއިންޓަށް އިތުރުކޮށްފައެވެ.
މެޗުގެ ތިން ވަނަ ކުއާޓަރ ގައި ދެ ޓީމުންވެސް ސްކޯ ކުރީ އެއްވަރަކަށެވެ. ދެ ޓީމްވެސް 11 ޕޮއިންޓް މި ކުއާޓަރގައި ސްކޯ ކުރި އިރު ފަހު ކުއާޓަރވެސް ފެނުނީ ހަމަ ހަމަކޮށެވެ. ފަހު ކުއާޓަރ ގައި ކޮންމެ ޓީމަކުން ވެސް ވަނީ 18 ޕޮއިންޓް ސްކޯ ކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މުޅި މުބާރާތުގައިވެސް މޮޅަށް ކުޅެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދި ޓީރެކްސްގެ ޕޮއިންޓް ގާޑް އިސްމާއިލް ވިލްދާން ޔޫސުފެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީރެކްސްގެ ޒުވާން 2 ތަރިން ކަމުގައިވާ އައިކް އަހުމަދު މައުރޫފް އާއި މުހައްމަދު ނާފް އިރުފާންގެ އިތުރުން ކިންގްސްގެ އިސްމާއިލް ނަސީމް އާއި އަބްދުﷲ އަންޒަރު މުހައްމަދު އަދި ރެޕްޓަރސް ބާސްކެޓްބޯލް ކްލަބްގެ އަހުމަދު ރާއިދެވެ.
މެޗަށްފަހު ޕީ.އެސް.އެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) ބުނީ ފައިނަލްގައި މާބޮޑު އުނދަގުލަކާ ޓީމަށް ކުރިމަތިލާން ނުޖެހޭ ކަމާށާއި މެޗު ފަށައިގެން ނެގި ލީޑާއެކު މުޅި މެޗު ނިންމާލެވުމަކީ ބޭނުންވިގޮތްކަމަށެވެ. އަދި މި މެޗަށް ޓީމަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި ކިންގްސް އާއި ބައްދަލުކުރާ ކޮންމެ މެޗަކީވެސް ވާދަވެރި މެޗުތަކެއް ކަމަށެވެ.