ކުޅިވަރު

ކޯޗުގެ އުފަންދުވަހަށް ހުރިހާ ކުޅުންތެރިންނަށް ދައުވަތުދީފި


ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބާސެލޯނާގެ ހުރިހާ ކުޅުންތެރިންނަށް ދައުވަތުދީފި އެވެ.

މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ޖަރުމަނުގެ ކޯޗު ފްލިކަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ހަފުލާ ބާއްވާނީ މިއަދުގެ ވަގުތެއްގައި ބާސެލޯނާގެ ރެސްޓޯރަންޓެއްގަ އެވެ. ނަމަވެސް އެއީ ކޮންތަނެއް ކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ނުބުނެ އެވެ.

ފްލިކް ހުރިހާ ކުޅުންތެރިންނާއި ކޯޗުންނަށް ދައުވަތުދިނީ ޓީމު މިހާރު ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ސަބަބުން އިތުރަށް ޓީމުގެ ގުޅުން ބަދަހިކުރުމަށް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

ހަންސީ ފްލިކް ބާސެލޯނާގައި މިހާތަނަށް ވަނީ ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ކޮޕާ ޑެލްރޭގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ އެއްވަނައިގަ އެވެ.

އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ބާސެލޯނާ ދަތުރުކުރީ ވެސް ޓޭބަލުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މިހެންވެ ކޯޗަށް ހުރިހާ ކުޅުންތެރިންނާއި ކުލަބުގެ ފަރާތުން ހާއްސަ ހަދިޔާ ދިނުން އޭނާގެ އުފަންދުވަހުގެ ހަފުލާގައި އޮންނާނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.