ފީފާއިން ބޭނުންވި ބަދަލުތައް ގެނެސް ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދު ފާސްކުރުމާއެކު އެ ގައުމުގެ ސަސްޕެންޝަން ވަރަށް އަވަހަށް އުވާލާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މި މަހުގެ ކުރީކޮޅު ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންތިހާބެއް ބޭއްވުމަށް އަސާސީ ގަވާއިދަށް ގެންނަން އުޅުނު ބަދަލުތައް ކޮންގްރެސްމަނުން ފާސް ނުކުރުމުންނެވެ.
ފީފާއިން ބޭނުންވި އެއް ބަދަލަކީ ރައީސް ކަމަށް ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް ބަދަލު ކުރުމެވެ. މި ގޮތުން ފުޓްބޯޅަ ހިންގުމުގައި ކޮންމެ ފެންވަރެއްގައި އުޅުނަސް އެއިން ކޮންމެ މީހަކަށް ވެސް ރައީސް ކަމަށް ވާދަކުރެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް ޕާކިސްތާނުގެ ފުޓްބޯޅަ ކޮންގްރެސްމަނުން އޭރު ބޭނުންވީ މިހާރު ކޮންގްރެކްސްގައި ބައިވެރިވާ މީހުންނަށް އެކަނި އެ ފުރުސަތު އޮތުމަށެވެ.
ނަމަވެސް ސަސްޕެންޑްކުރުމުގެ ސަބަބުން އަލުން ފީފާ އަދި އޭއެފްސީގެ އޮފިޝަލުންގެ ހާޒިރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މިހާރު ވަނީ މި ގަވާއިދު އިސްލާހުކޮށް ފީފާއިން އެދުނު ގޮތަށް ފާސްކޮށްފަ އެވެ. މިހެންވެ ސަސްޕެންޝަން ވަރަށް އަވަހަށް އުވާލާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލް ސާގިބް ބަލޯޗް ބުންޏެވެ.
"ފީފާއިން ބޭނުންވި ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ނިންމާލާފައި. އަދި ބައްދަލުވުން ހިނގައި ދިޔަ ގޮތާއި ފާސްކުރި ކަންކަމުގެ ތަފްސީލް މިހާރު ވަނީ ފީފާ އަށް ފޮނުވާފައި. އެހެންވީމާ ސަސްޕެންޝް ވަރަށް އަވަހަށް އުވާލާނެ ކަމަށް ބެލެވޭ،" ސާގިބް ބަލޯޗް ބުންޏެވެ.
2019 ވަނަ އަހަރުން ފެށިގެން ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޕާކިސްތާނުގެ ސަސްޕެންޝަނާއެކު އެ ގައުމަށް އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ކޮލިފައިންގައި ވާދަކލުރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ. އަދި ފީފާއިން އެ ގައުމު ސަސްޕެންޑްކޮށް ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ޕާކިސްތާނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ދަންމާލައިފަ އެވެ. ސަސްޕެންޝަނުގެ މުއްދަތުގައި ޕާކިސްތާނުގެ ގައުމީ ޓީމާއި ކުލަބުތަކަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ އެވެ. އަދި ފީފާގެ މާލީ އެހީ އެއްވެސް ނުލިބޭނެ އެވެ.