ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެންމެ ފަހުން މިނިވަން ކުރި ފަލަސްޠީނަށް ނިސްބަތްވާ ޤައިދީންގެ ކިބައިން ވެސް ބަނޑަށް ޖައްސައި ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމުގެ ނިޝާންތައް ފެނިއްޖެއެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބާ ނިޔާވި ޔަހޫދީ ހަތަރު އަސީރެއްގެ ހަށިތައް ބުރާސްފަތި ދުވަހު ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. އެއަށް ފަހު ޔަހޫދީން ވަނީ އެ މީހުންގެ ޖަލުތަކުގައި ބަންދު ކޮށްފައި ތިބި 600އަށްވުރެ ގިނަ ފަލަސްޠީނުގެ ޤައިދީން މިނިވަން ކޮށްފައެވެ. މިއީ އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގެ ދަށުން ޤައިދީންނާއި އަސީރުން ބަދަލު ކުރާ ފަހު ބުރެވެ.
ބުރާސްފަތި ދުަވަހު މިނިވަން ކުރި ޤައިދީންގެ ތެރެއިން ގިނަ ބަޔަކު މިނިވަން ކުރުމާއެކު އެމްބިޔުލަންސްތަކަށް އަރުވައިގެން ފުރަތަމަ ވެސް ގެންދަން ޖެހުނީ ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށެވެ. އެއީ އެ މީހުން މިނިވަންވި އިރު އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ޙާލު ދެރަވުމުގެ ސަބަބުންނެވެ.
މިނިވަންވި ޤައިދީއެއް ކަމަަށްވާ ޢަލާ އަލް-ބަޔާރީ ބުނީ ޔަހޫދީ ޖަލުތަކުން އޭނާއަށް ފެނުނީ ކެނޑިނޭޅި ދެމުން ދިޔަ ލާއިންސާނީ އަނިޔާތަައް ކަމަށެވެ. އިންސާނެއްގެ ހިތަށް ގެނެވޭނެ އެންމެހާ އަނިޔާ އެ ޖަލުތަކުގައި ދެމުން ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޖަލުގައި ތިބި މީހުން ބަރަހަނާ ޙާލުގައި ބަހައްޓާ އެ މީހުން ގަޔަށް ފެން ޖަހައި އެއަށް ފަހު އެ މީހުންގެ ގައިގައި ކަރަންޓު ޖައްްސާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެހެން ޤައިދީއެއް ކަމަށްވާ ޔަޙްޔާ ޝްރިދާ ޔަހޫދީ ޖަލުތައް ސިފަ ކުރީ ގަބުރުސްތާނެއްގެ ގޮތުގައެވެ. ޖަލުން މިނިވަން ވުމުން އިޙްސާސް ކުރެވެނީ އަމިއްލަ ކައްވަޅުން ތެދުވެވުނު ފަދަ އިޙްސާސެއް ކަމަށް އޭނާ ބުންޏެވެ. ޤައިދީން ތަހައްމަލް ކުރަމުން ދިޔަ ވޭނީ ޙާލަތުން އެންމެ ފަހުން ސަލާމަތް ވެވިއްޖެ ކަމަށް އޭނާ ބުންޏެވެ. އެ މީހުން ތަޙައްމަލް ކުރި އަނިޔާއަކީ ބޮޑެތި ފަރުބަދަތަކަށް ވެސް ތަޙައްމަލް ނުކުރެވޭނެ ފަދަ ބޮޑެތި އަނިޔާތައް ކަމަށް އޭނާ ބުންޏެވެ. އެ ވާހަކަތައް ތަފްޞީލް ކޮށް ކިޔައިދޭން ވަރަށް ދަތި ކަމަށާއި އެއީ ދައްކަން އުނދަގޫ ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.
އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޠާރިޤު އަބޫ ޢައްޒާމް ބުނީ މިނިވަން ކުރި ޤައިދީންގެ ތެރޭގައި ބަންދުގައި ތިއްބާ އެ ބައެއްގެ ގުނަވަންތައް ބުރި ކޮށްފައިވާ ޤައިދީން ވެސް ތިބި ކަމަށެވެ. އަދި ޖަލުގައި ދީފައިވާ އަނިޔާގެ ސަބަބުން ބޮޑެތި ޒަޚަމްތައް ވެފައިވާ މީހުން ވެސް ވަރަށް ގިނަ ކަމަށެވެ. އެ މީހުން މިނިވަންވި އިރު ތިބި ނިކަމެތި އަދި އަނަރޫފަ ޙާލަތު ފެނިފައި އެ މީހުންގެ ޢާއިލާތަކުން އަޑުންއަޑުނަގައި ރޮއެފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. މިނިވަންވި މީހުން އެ މީހުންނަށް ދީފައިވާ ލާއިންސާނީ އަނިޔާގެ ވާހަކަތަކާއި ފެނިފައިވާ މަންޒަރުތައް ކިޔައި ދީފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޙަމާސުން ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޚަލާގެ މަޝްވަރާތައް ކުރިއަށް ގެންގޮސް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެއްބަސްވުމާ އެއްގޮތަށް ޤައިދީން މިނިވަން ނުކުރުަމަށް ޔަހޫދީ ދައުލަތުން ކުރި މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމަށާއި އޭގެ މާނައަކީ ދެވަނަ މަރުޚަލާގެ މަޝްވަރާތައް ފެށުން ނޫން އެހެން ގޮތެއް ޔަހޫދީންނަށް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ޙަމާސުން ވަނީ ޙަމާސުން ގެންދިޔަ ޔަހޫދީ އަސީރުންގެ ވާހަކަ ދައްކާ ގޮތަށް ފަލަސްޠީނުގެ ޤައިދީންނަށް ޔަހޫދީން ދެމުންދާ އަނިޔާތަކުގެ ވާހަކަ ވެސް ދެއްކުމަށް ޤައުމުތަކަށް ގޮވާލައިފައެވެ.