ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން މާލޭގެ މަގުތަކުގައި ޙަރަކާތްތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ޒުވާނުންގެ މަރުކަޒު ކުރިމަތިން ހަވީރު ހަތަރެއް ޖަހާއިރު ފަށާ މި ޙަރަކާތުގައި ތަފާތު އެކި ކާޓޫން ކެރެކްޓަރތައް ބޭނުންކުރާ ހެދުމާއެކު ފުލުހުން ޙަރަކާތްތެރިވަމުންދާނެކަމަށެެވެ. ހަވީރު ފަށާ މިހަރަކާތް މަޖީދީމަގުން ހުޅަނގުން އިރަށް ގޮސް ނިންމާލާނީ އާޓިފިޝަލް ބީޗަށްކަމަށް ފުލުުހުން މަޢުލޫމާތުދެއްވައެވެ.
މި ޙަރަކާތް ކުރިޔަށް ދާއިރު ތަފާތު ކެރެކްޓަރ ތަކާއެކު ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮޓޯ ނެގުމުގެ ފުރުޞަތު ދޭނެކަމަށާއި، މިއަދުގެ ޙަރަކާތުގައި ފުލުހުންގެ ޚާއްޞަ މެސްކޮޓެއްވެސް ޙަރަކާތްތެރިވަމުން ދާނެކަމަށް ފުލުހުން ވިދާޅުވެއެވެ
ފިޠުރު ޢީދުގެ އުފާ ރާއްޖޭގެ ކަންކޮޅުތަކުގައި ފާޅުކުރަމުންދާއިރު ރައްޔިތުންނަށް ރައްކާތެރި އަދި އަމާން މާޙައުލެއްގައި ޢީދުގެ ކުލިވަރުތަކާއި ޙަރަކާތްތައް ކުރިޔަށް ގެންދަން ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަނެއްވެސް މިވަގުތު ހިންގަމުންނެވެ. އަދި ޞުލްޙަވެރި ކަމާއި އެކުވެރިކަމާ އެއްވަންތަކަމުގެ ރޫޙު ދަމަހައްޓައި ހުރިހާ ޙަރަކާތެއްވެސް ކުރިޔަށް ގެންދަން ފުލުހުން އިލްތިމާސް ކުރައްވައެވެ.