ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބެނީ 1820 މީހުންނަށްކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ޢާންމުކުރި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުމުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އެންމެ އިސްކަންދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށްކަމަށެވެ. މި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 26 ޖޫން 2022ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން އިއުލާންކުރީ 3 ކޮޓަރިނަމަ 76 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބޭނެކަމަށެވެ. އަދި ބާކީ 3 ކޮޓަރީގެ ފްލެޓުތައް ގުރުއަތަކަށް ދިއުމަށެވެ. އެގޮތުން 75 ޕޮއިންޓަށްވުރެ މަތިން ފްލެޓު ލިބޭނެކަމަށް އެ ލިސްޓުގައި ހިމަނާފައިވަނީ 3721 މީހުންކަމަށާއި، ނަމަވެސް 3 ކޮޓަރީގައި ޢިމާރާތްކުރަމުންދަނީ 2750 ފްލެޓުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޭރުގެ ސަރުކާރުން އިއުލާންކުރީ 2 ކޮޓަރިނަމަ 73 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބޭނެކަމަށެވެ. އެ މިންވަރަށް ޕޮއިންޓު ލިބިފައިވާ 1218 މީހުން ލިސްޓުގައިވެއެވެ. ނަމަވެސް ޢިމާރާތްކުރަމުންދަނީ 2 ކޮޓަރީގެ 1250 ފްލެޓެވެ. އެހެންކަމުން ވެރިފައިކުރި ލިސްޓުގައި ހިމެނެނީ ޖުމްލަ 4930 މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެރިފިކޭޝަން މަރުހަލާއަށްފަހު ނަތީޖާއަށް ބަލާއިރު 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށްކަމަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބިފައިވަނީ 397 މީހުންނަށްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފޯމުތައް ވެރިފައިކުރުމުގައި 3 ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމް ޗެކްކޮށްފައިނުވާކަމަށާއި، 2 ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމުވެސް ޗެކްކޮށްފައިނުވާކަމަށެވެ. އެހެންކަމުން ލިސްޓުގައި ހިމަނާފައިވާ މީހުން ފިޔަވާ އިތުރު ބައެއްގެ ފޯމު ބަލާފައިނުވާކަމަށާއި، ޝަރުތު ހަމަނުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށުން ޕޮއިންޓު ލިބުނު މީހުން، ފްލެޓު ނުލިބޭ މީހުންގެގޮތުގައި ކަނޑައަލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވެރިފިކޭޝަން މަރުހަލާ ކުރިއަށްދިޔައީ ޕޯޓަލްގެތެރެއިންކަށްވާއިރު ޕޯޓަލްއިން ހުށައަޅާފައިވާ އެއްވެސް ފޯމަކަށް އަދި ލިޔެކިިޔުމަކަށްވެސް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް މީހަކަށް ލިބިފައިނުވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. ވަޒީރު ވިދާޅުވީ ފްލެޓަށް އެދި ހުށައަޅާފައިވާ ލިޔުންތަކާއި ދީފައިވާ މައުލޫމާތުތަކަށް ރިޔާޢަތްކޮށް ސަރުކާރުގެ ހުރި ޑޭޓަކަށްބަލައި އެ ފޯމުތައް ސައްޙަތޯ ބަލާފައިވާކަމަށެވެ. އަދި ފްލެޓު ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީ ނުވަތަ އީމެއިލުން އެ ވުޒާރާއަށް ހުށައެޅޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.