ޚަބަރު

އެންޑްރިކުގެ ލަނޑު ރެއާލް މެޑްރިޑް މޮޅުވެއްޖެ


ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރެއާލް ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ދިން ބޯޅަ އަކުން ރެއާލް މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ ބްރެޒިލްގެ ޒުވާން ފޯވަޑް އެންޑްރިކް އެވެ. ކޮޕާ ޑެލްރޭގައި މި ސީޒަނުގައި އެންޑްރިޑް ކުޅުނު ހަތަރު މެޗުގައިވެސް އޭނާ ވަނީ ލަނޑު ޖަހާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މެޗުގެ ރެފްރީ ވަނީ މެޗުގެ ކުޅުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު ރެއާލް މެޑްރިޑްގެ ކެޕްޓަން ވިނިޝިއަސް ޖޫނިއާ އާއި ވާހަކަ ދައްކާފަ އެވެ. އަދި ދަނޑުގެ ސްކްރީނަށް ވަނީ ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ސަޕޯޓް ކުރުމަށް އެދިފައިވާ މެސެޖެއް އަރުވާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ރެއާލް މެޑްރިޑްގެ ބެލިންހަމް އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ސޮސިއެޑާޑްގެ ގޯލުކީޕަރު އެލެކްސް ރެމީރޯ ވަނީ މި މެޗުގައި މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ގޯލުކީޕަރު ޓިބާ ކޯޓުއާގެ އިތުރުން ޑިފެންޑަރ ފެޑެރީކޯ ވަލްވާޑްއަށް އަރާމު ކުރަން ފުރުސަތު ދީފަ އެވެ. އަދި ފޯވަޑް ކިލިއަން އެމްބާޕޭގެ ދަތަކަށް ތަދުވާތީ އޭނާވެސް މި މެޗުގައި ބޭނުންކޮށްފައެއް ނުވެއެވެ.