އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ އެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް އަލުން ލިބިފަ އެވެ. ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. އަދި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ސިޓީ އާއި ދެމެދު 20 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ބައި ލައްކައަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީ އަށް ކާމިޔާބު ކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ.
ހާލަންޑް އަށް ލިބުނު އަނިޔާގެ ސަބަބުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ސިޓީ އިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ ސަވީނިއޯ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭރިޔާ ތެރޭގައި ހުހަށްހުރި ސަވީނިއޯ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޓޮޓްނަމްގެ ކެވިން ޑެންސޯ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ ސިޓީގެ ކީޕަރު ވަނީ ދިފާއުކޮށް ގޯލުގެ ހުރަސް ދަނޑި މަތިން ބޭރުކޮށްފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރގެ މެތީސް ޓެލް ގެ އިތުރުން ޕާޕޭ ސާރ އަށް ވެސް ވަނީ މި މެޗުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މި މެޗަށް ނިކުތްއިރު ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ ވަނީ އެ ޓީމުގެ ސޮން ހިއުން މިން އާއި ޑެޖާން ސެކުލޯސްކީ އަށް ފުރަތަމަ ޓީމުން ފުރުސަތު ނުދީ އެވެ. އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތިގައި އެމީހުން އެރުމާއިކު ސިޓީގެ އެޓޭކްތައް އިތުރަށް ވަރުގަދަވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.