ކުޅިވަރު

ކިއޭސާ އިނގިރޭސިވިލާތުގައި ފެއިލްވެއްޖެ: އިޓަލީ ކޯޗު


އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ އިޓަލީގެ އެޓޭކިން މިޑްފީލްޑަރު ފްޑެރީކޯ ކިއޭސާ އިނގިރޭސިވިލާތުގައި ފެއިލްވެއްޖެ ކަމަށް އިޓަލީގެ ގައުމި ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.

އޭނާ ބުނީ ހުސްވި ހަފުތާގައި އެކުލަވާލި އިޓަލީގެ ގައުމީ ސްކޮޑުން ކިއޭޒާ އަށް ޖާގަ ނުދިނީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.

"އަހަރެން ދެކޭ ގޮތުގައި އޭނާ އިނގިރޭސި ވިލާތުގައި ފެއިލްވެއްޖެ. ގައުމީ ޓީމުން ޖާގަ ހޯދާކަމަށްވާނަމަ އޭނާ އެބަޖެހޭ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން. ހާއްސަކޮށް ގަވާއިދުން ކުޅެން. އަދި އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓަން. މިހާތަނަށް މި ސީޒަނުގައި އޭނާ އަށް މިކަން ކުރެވިފައިނެތް. މިހެންވީމާ ގައުމީ ޓީމުން ޖާގަ ނުލިބޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލަށް މި ސީޒަނުގައި ބަދަލުވެ ކިއޭޒާ މިހާތަނަށް ކުޅެފައިވަނީ ހައެއްކަ މެޗު ކަމަށާއި އޭނާ ކުޅުނު އަދަދު މިނެޓުން ގުނާނަމަ 400 އަށް ނާރާ ކަމަށެވެ.

"އަހަރެންނަށް ހީވަނީ 275 މިނިޓުހެން އޭނާ ކުޅުނީ. މިހާ މަދު ވަގުތުގައި ކުޅެގެން ކިހިނެތް އޭނާގެ ފިޓްނަސް ހުންނާނީ. އޭނާ އެބަޖެހޭ މިހާރަށްވުރެ ސީރިއަސްވާން. އެހެންނޫނީ ގައުމީ ޓީމަށް އަރަން ވިސްނައިގެންވެސް ނުވާނެ. އަދި އޭނާ އެބަޖެހޭ މިހާރަށްވުރެ ޑިފެންސިވްކޮށް ކުޅެން އިސްކަންދޭނެ. ހަމައެކަނި އެޓޭކްކޮށްގެން ޖާގަ ހޯދަން ދަތިވާނެ،" ކޯޗު ބުންޏެވެ.

ކިއޭޒާ އަކީ 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން އޭނާ ލިވަޕޫލަށް ބަދަލުވީ ވަރަށް ބޮޑަށް ފޯމު ކަޓައި އިޓަލީގެ ޔުވެންޓަސްއިން އޭނާ ދޫކޮށްލުމާ ގުޅިގެންނެވެ.