ޚަބަރު

ހުޅުމާލެ ބޮޑު މިސްކިތް މަރާމާތުކޮށް، އޭސީކުރުމަށްފަހު ހުޅުވައިފި


  • މި މަސައްކަތް ކުރިއަށްގެންދިޔައީ އުރީދޫ މޯލްޑިވްސްއާއި "ގަތަރު ޗެރިޓީ" ގުޅިގެން

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް މަރާމާތުކޮށް، އެއަރ ކޮންޑިޝަންކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން، އުރީދޫ މޯލްޑިވްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެ ކުންފުންޏާއި "ގަތަރު ޗެރިޓީ"އާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

އުރީދޫ މޯލްޑިވްސްއާއި ގަތަރު ޗެރިޓީ ގުޅިގެން މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ މަރާމާތުކޮށް، އޭސީކުރުމުގެ މަސައްކަތް ފަށާފަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. އަދި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައި ވަނީ ޝައިޚް ޤާސިމް ބިން އަލްޘާނީ މަރާމާތުކޮށް، އޭސީކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އަލުން ހުޅުވާފައެވެ.

މަރާމާތަށްފަހު މިސްކިތް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްއާއި ގަތަރު ޗެރިޓީއާއި މާލެ ސިޓީ ކައުންސިލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީ ވިދާޅުވީ އުރީދޫއަކީ ހަމައެކަނި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެއް ނޫންކަމަށާއި، އެ ކުންފުނިން ދިވެހި މުޖްތަޢުއަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގައި ހުރި އެންމެ ބޮޑު އެއް މިސްކިތް މަރާމާތުކުރުމަކީ އެ ކުންފުންޏަށް ލިބުނު އުފަލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ އެއް މުހިއްމު މަސައްކަތަކީ، މުޅި މިސްކިތް އެއަރ ކޮންޑިޝަންކުރުމެވެ. މީގެ އިތުރުން މިސްކިތުގެ ކުލަ ލުމާއި މިސްކިތުގެ ހުރިހާ ދޮރުތަކެއް ރީތި ކުރުމުގެ އިތުރުން، އިތުރު ފާޚާނަ ބަރިއެއް ތަރައްޤީކުރުންވެސް މި މަސައްކަތުގެ ދަށުން ވަނީ ކުރިއަށްގެންގޮސްފައެވެ.

2006 ވަނަ އަހަރު ހުޅުވުނު މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތަކީ ހުޅުމާލޭގައި ހުޅުވުނު އެންމެ ފުރަތަމަ ހުޅުވުނު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ނަމާދުކުރެވޭގޮތަށް ބިނާކުރެވިފައިވާ މި މިސްކިތަކީ ފެހި ގަސްތަކުން މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކޮށްފައިވާ، މިސްކިތުގެ ސީލިންގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުންނަ މިސްކިތެކެވެ.