ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޅި ރާއްޖޭ ޑިޖިޓަލައިޒްކުރުމުގެ ތަސައްވުރުގެ ދަށުން 5 ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ އެއް ތަނބެވެ. މިކަން ހާސިލްކުރުމުގެ ޢަމަލީ މަސައްކަތްތަކެއް ސަރުކާރުން މިވަނީ ފަށާފައެވެ. މިމަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޯށްދޭ ހުރިހާ ޚިދުމަތަކީވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭހާ ފަސޭހަ ޚިދުމަތަކަށް ވެގެންދިއުމަކީ ސަރުކާރުގެ އަމާޒަކެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިކަން ތަންފީޒުކުރުމަށް މުޅިން އައު ތަފާތު 5 ޤާނޫނެއް އެކުލަވާލަން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަމާއި ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
މީގެއިރުން އިލެކްޓްރޯނިކް ޓްރާންސްފަރަބަލް ރިކޯޑްސްގެ މުއާމަލާތްތަކައް ބާރުވެރިކަން ދިނުމަށްޓަކައި އިލެކްޓްރޯނިކް މުޢާމަލާތްތަކާއި ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތްކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަލަށް އެކުލަވާލާ 5 ޤާނޫނުތަކުގެތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ބިލު ފިޔަވާ އެހެން ހުރިހާ ބުލްތަކާއި ގަވާއިދުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ތަސައްވުރުގެ ދަށުން، ކައުންސިލްތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ހުރިހާ ކައުންސިލްތަކެއް ޚިދުމަތް އެއް ވިއުގައަކުން ލިބޭނެ ނިޒާމެއް ޤާއިމްކުރަށް ނިންމާފައިވާކަން ވަޒީރު އިޙުސާން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން "މައި ކައުންސިލް"ގެ ނަމުގައި ޕްލެޓު ފޯމެއް ތަރައްޤީކުރަމުންދާ ކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އަމާޒަށް ވަސިލުވުމަށް ސަރުކާރުން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ފުރިހަމަކޮށްގެންނެވެ. އެއީ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ޒަމާނީ ފެންވަރުގެ، ޑިޖިޓަލް އައިޑީއެއް ތައްޔާރު ކުރުމާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، ނިޒާމަށް ދެވޭ ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ.