ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ދެކުނަށް ބޮން އަޅައިފިއެވެ.
ސޫރިޔާގެ ޓީވީ ސްޓޭޝަނަކަށް މަޢުލޫމާތުދެއްވަމުން، ސަލާމަތީ ބާރުގެ އޮފިޝަލަކު ވިދާޅުވީ، ދިމިޝްޤުގެ ދެކުނުގައި އޮންނަ އަވަށެއްގެ އިތުރުން، ދަރްޢާ އަށް ވެސް ޔަހޫދީ ފައުޖުން އިއްޔެގެ ވަގުތެއްގައި ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ، ދިމިޝްޤުގެ ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކިޒްވޭގެ އިތުރުން ދަރްޢާގެ އަވަށަކަށް ވެސް ބޮން އަޅާފައިވާ ކަމަށެވެ.
ޔަހޫދީ ފައުޖުން ބުނީ، އެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ހަތިޔާރު ގެންގުޅޭ މަރުކަޒުތަކަކަށް ކަމަށެވެ.
ޔަހޫދީ ސިފައިން ސޫރިޔާއަށް އަރައިގަނެފައި ވަނީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ފައުޖުތަކުން ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމުގެ ފުރުޞަތު އެޗްޓީއެސް އަދި ސޫރިޔާގެ އަސްކަރިއްޔާއަށް ވެސް ނުދޭނެ ކަމަށް ބުނެފައެވެ. އަދި، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ނުބާލާނެ ކަމުގައެވެ. އެއީ، ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް އޭނާ ވަނީ ގޮވައިލާފައެވެ. އޭގެ ތެރޭގައި އަލް-ޤުނަޔިޠިރާއި، ދަރްޢާ އަދި އަލް-ސުވަޔިދާ ޕުރޮވިންސުގެ ސަރަޙައްދުތައް ހިމެނެއެވެ.