ދީން

މުސްލިމުންނާއި ޣައިރު މުސްލިމުން ޢީދު ފާހަގަކުރާ ގޮތް ތަފާތު


މިއަދަކީ، ބަރަކާތެރި ފިޠުރު ޢީދު ދުވަސް. ފިޠުރު ޢީދަކީ މުސްލިމުން ރަމަޟާންމަހު ހިފަން ފަރުޟުކުރައްވާފައިވާ ރޯދައިގެ އަޅުކަމާ ވިދިގެން މުސްލިމުންނަށް އަންނަ ޢީދު. ފިޠުރު ޢީދު ލައްވާފައިވަނީ، މުއުމިނުންނަށް އެކަލާނގެ ރަމަޟާން މަހުގައި ދެއްވި ތައުފީޤަށްޓަކައި އުފާކުރުމަށް.

މުސްލިމުން ފާހަގަކުރުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވަނީ ދެ ޢީދު. އެއީ ފިޠުރު ޢީދާއި އަޟްހާ ޢީދެވެ. އަޟްހާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެނެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާންމަހުގައި ހިފަން ފަރުޟުކުރައްވާފައިވާ ރޯދައިގެ އަޅުކަމާ ވިދިގެނެވެ. މިއިން ކޮންމެ ޢީދަކީ އިސްލާމްދީނާއި އިސްލާމީ މުޖުތަމަޢުތަކުގެ ތެރޭގައި ހިމެނޭ ތަހުޒީބު އަދި އަދަބުވެރި އުޞޫލުތަކުގެ ތެރެއިން އުފާ ފާޅުރުމަށް ލިބިގެންވާ ދެ ޢީދެވެ.

މުސްލިމުން ޢީދު ލިބިގެންވާ ޢަދަދާއި ޢީދުފާހަގަކުރާ ގޮތާއި ޢީދުގެ އުފާފާޅުކުރާ ގޮތް މުސްލިމުން ނޫން މީހުން އެކަންކުރާ ގޮތް ތަފާތެވެ. ޣައިރު މުސްލިމް މުޖުތަމަޢުތަކަށް ބަލާއިރު، އެމީހުންގެ ޢީދުތަކަކީ ހަމައެކަނި މަޖާކުރުމާއި ކުޅިވަރު ކުޅުމާ ގުޅިފައިވާ ކަމެކެވެ. އެމީހުންނަށް ދުނިޔަވީ ކާމިޔާބީއެއް ޙާޞިލްކުރެވުމުން ނުވަތަ ބާރުގަދަ އަދި ފޯރުންތެރިންނަށް އުފަލެއް ލިބުމުން އެކަން ޢީދެއްގެ ގޮތުގައި ފާހަގަކުރެއެވެ. އެއިން ކޮންމެ ޢީދެއްގެ މައިގަނޑު ކަމަކީ، ކެއުމާއި ބުއިމާއި ކުޅިވަރު ކުޅުމެވެ. އެ ޢީދުގައި ފަޤީރުންނަށް ޙިއްޞާއެއް ނޯވެއެވެ.

img:http://s4.psmnews.mv/images/660x400/14677830095828.jpg|ރަޝިޔާގެ މޮސްކޯގައި މިއަދު ކުރެވުނު ޢީދު ނަމާދުގެ ތެރެއިން / ފޮޓޯ: ޒިންހުއާ

ޣައިރު މުސްލިމުންނާ ޚިލާފަށް އިސްލާމީ ޢީދުތައް ފެށެނީ އިސްލާމީ ބޮޑު ބައްދަލުވުމަކުންނެވެ. އެއީ، ޢީދުނަމާދު. މި ބައްދަލުވުމުގެ ސަބަބުން، އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާން ގަލާންކޮށް ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ. އަދި އެކަނު އަނެއްކަކަށް އިސްލާމީ އުޚުއްވަތްތެރިކަމާއި ގާތްކަމުގެ ޝުޢޫރު ފާޅުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ. އިސްލާމީ ޢީދުތަކަކީ، އެކަމުގައި ހުރިހާ މުސްލިމުން ބައިވެރިކުރުވަންޖެހޭ އިޣްތިފާލުތަކެކެވެ. އެދުވަސްތަކުގައި އުފާ ފާޅުކުރަންޖެހެނީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫނެވެ. ތަނަވަސްކަން ލިބިގެންވާ މީހުންގެ ތަނަވަސްކަން ފަޤީރުންނާއި މިސްކީނުންނަށް ފޯރުކޮށްދީ، ޢީދުގެ އުފަލުގައި ބައިވެރިކުރުމަކީ މުސްލިމުންގެ ސިފައެކެވެ.

އިސްލާމީ ޢީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތެކެވެ. ރީތިހެދުން ލާންބާރުއެޅޭ ދުވަހެކެވެ. މީރުވަސްދުވާ އެއްޗިހި ބޭނުންކުރުމަށްވެސް ބާރު އަޅާ މުނާސަބަތެކެވެ. ދިވެހިންނަށް އިސްލާމީ ހިދާޔަތު ލިބުނުފަހުން ފާއިތުވެގެން ދިޔަ އަހަރުތަކުގައި އަބަދުވެސް އަޟްހާ ޢީދާއި ފުޠުރު ޢީދު ފާހަގަކުރާކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ. 

img:http://s1.psmnews.mv/images/660x400/14677836949827.jpg|ރާއްޖޭގެ ރަށެއްގައި ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

ޢީދު ފާހަގަކުރުމުގައި ޢީދުނަމާދާއި ޢީދު ސަލާމް ކުރުމާއި ތިމާގެ މީހުންނަށް ޒިޔާރަތްކުރުމަކީ ދިވެހިންގެ އެންމެ މައިގަނޑު ކަންތައްތަކެވެ. މީގެ އިތުރަށް ޢާއިލާގެ މެންބަރުންނާއި ތިމާގެ މީހުންނާއި އަވައްޓެރިންނަށް ޢީދު ހަދިޔާ ދިނުމަކީ ކުރަމުން އަންނަ ކަމެކެވެ. 

ޢީދު ދުވަހަކީ މުއްސަނދިން ގޭގޭގައި ކައްކާ މީރު ކެއުންތައް ފަޤީރުންނަށްވެސް ކާންލިބޭ ދުވަހެއްކަން ދިވެހިންގެ އާދަކާދައިގެ ލިޔުންތަކުން ފެންނަ އެބަހުއްޓެވެ. އަދި ޢީދުގެ އުފާފާޅުކުމުގެ ގޮތުން އެކިކަހަލަ ކުޅިވަރުތައް ކުޅުމަކީވެސް ދިވެހިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އަދި އިސްލާމީ ޢީދު ފާހަގަކުރުމުގައި ދިވެހިންގެ ތެރެއިން ކުރިން ފެންނަމުން އައި އިސްލާމް ދީނާ ރައްޓެހިކަން ކުޑަކަންކަމަކީ ކޮބައިކަން ދީނީ ޢިލްމުވެރިންގެ ފަރާތުން އޮޅުންފިލާ މިންވަރަކުން އެފަދަ ކަންކަން ދޫކޮށް، އިސްލާމް ތަރުޙީބުދޭ ގޮތަށް ޢީދު ފާހަގަކުރުމާ ދިވެހިން އަންނަނީ އަހުލުވެރިވަމުންނެވެ.