ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ ހުރިހާ ގައުމެއް ވާދަކުރަންޖެހޭ މުބާރާތެއް ނޫން ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
ކަރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ހިންގައި ފުޓްބޯޅައިން ސަސްޕެންޑްކުރި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ކުރީގެ ރައީސް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ވޯލްޑްކަޕުގެ އަދަދު 48 އަށް ފީފާއިން ބަދަލު ކުރުމުންނެވެ. މިއީ ބްލެޓާ އަށް ފަހު ރައީސް ކަމަށް ވަޑައިގެންނެވި ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެމްޕޭން ވައުދެކެވެ.
"ވޯލްޑްކަޕަކީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްނޫން. އެންމެން އެ މުބާރާތަށް ދާކަށް. ޓެނިހުގައި އެންމެން ގޮސް އެ މުބާރާތް ކުޅޭނެ. އެކަމަކު ފުޓްބޯޅަ އަކީ އެހެންވާނެ އެއްޗެއްނޫން. ވޯލްޑްކަޕުގެ އަދަދު 48 އަށް ބަދަލު ކުރުމަކީ ވަރަށް ބޮޑު ގޯހެއް. އެއީ މުބާރާތް ވަރަށް ބޮޑަށް ދިގުވުން. އަދި ވާދަކުރާ ގައުމުތަކުގެ އަދަދު ގިނަ ކުރުމަކީ ވެސް ފޯރި ގެއްލޭ ކަމެއް. ވޯލްޑްކަޕް ކުޅެވެންވާނީ ގިނަގުނަ މަސައްކަތުން،" ބްލެޓާ ވިދާޅުވި އެވެ.
1998އިން 2015 އަށް ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ ވިދާޅުވީ ވޯލްޑްކަޕް ކުޅޭ ގައުމުތަކުގެ އަދަދު މިހާރު އިތުރު ކުރަމުންދާ ގޮތަށް ބަލާއިރު ދެން އޮތީ ދުނިޔޭގެ 128 ގައުމު ބައިވެރިގެން މުބާރާތް ބޭއްވުން ކަމަށް ވެސް ވެދާނެ ކަމަށެވެ.
"ދެން އޮތީ ކޮން ގޮތެއް. 128 ގައުމު ވޯލްޑްކަޕުގައި ކުޅުންތަ؟ ޓީމުތަކުގެ އަދަދު ގިނަ ކުރަން ޖެހޭނީ ވަރަށް ވިސްނާފައި. މުބާރާތުގެ ފޯރި ނުގެއްލޭ ގޮތަށް. ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު 1998ގެ ފަހުން ވޯލްޑްކަޕް 32 ގައުމަށް ހަދާފައި އެއޮތީ. ދެން އިރު އިރުކޮޅާ ބަދަލު ކުރުމަކީ އޭގެ ގެއްލުން ފަހުން ފެންނާނެ ކަންކަން،" ބްލެޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގައި 2 ބިލިއަން މީހުން ފުޓްބޯޅައިގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލާއިރު މި އެންމެން ފީފާގެ ނިންމުންތަކާމެދު ހިތްހަމަޖެހިފައި ތިބި ކަމަށް ގަބޫލު ކުރުމަކީ ގޯހެއް ކަމަށެވެ.
"މިހެން ހެދީމަ ހިތާމަ ކުރަން ޖެހޭނީ ފަހުން. ކޮންމެވެސް ދުވަހަކުން މިކަން ހުއްޓާލަން ވެސް ޖެހޭނެ. އެ ދުވަހެއްވާނީ ފުޓްބޯޅަ ކުރިނާރައި މޮޅު ކުޅުންތެރިން ނުއުފެދި، ގިނަ ފައިސާ ނުލިބި، އަދި ފުޓްބޯޅަ ބަލާ ހަދާ ސަޕޯޓަރުންގެ އަދަދު މަދުވާން ފެށުމުން،" ބްލެޓާ ވިދާޅުވި އެވެ.