ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކޮށްފި


  • ބިލުގައި ވަނީ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދުކުރަން ހުށަހަޅާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑީޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ވަނީ ހިމަނާފައެވެ.

ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ. ބިލު ހުށައެޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ޤާނޫނު އަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށެވެ. އަދި އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކުރުމަށް އިސްލާހުތައް ގެނައުން ރަނގަޅުކުރުމަށް ދެކޭތީކަމަށެވެ.

މި ބިލުގެ އިބްތިދާޢީ ބަހުސް މިއަދު ނިންމާލާފައި އަދި ބަހުސަށްފަހު ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް ވަނީ އަހާފައެވެ. މި ބިލް ބަލައިގަތުމަށް ހާޒިރުވި މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދީފައިވާއިރު، ބިލް ބަލައިނުގަތުމަށް ވޯޓު ދީފައިވަނީ 12 މެންބަރުންނެވެ. މި ބިލު ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މި ބިލް މިއަދު ބަލައިގަނެ، އެ ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީން ފާސްކޮށްފައެވެ.