ޚަބަރު

"ކުއްލި ހާލަތްތަކުގައި ދެވޭ ޚިދުމަތް ހަރުދަނާ ވެގެން ނޫނީ ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭނެ"


  • ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ

  • ހަރުދަނާ ނިޒާމެއް ޤާއިމްވެފައި އޮތްނަމަ ކުރަން ޖެހޭ ޚަރަދުގެ ވަރަށް ބޮޑުބައެއް ކުޑަވާނެ

ކުއްލި ހާލަތްތަކުގައި ދެވޭ ޚިދުމަތް ހަރުދަނާ ވެގެން ނޫނީ ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭނެކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން އެވުޒާރާއިން އެކުލަވާލި ދެ ގައިޑްލައިނެއް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްވަމުންނެެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސިއްޙީ ޚިދުމަތުގައި ހުރި ބޮޑެތި ގޮންޖެހުންތައް ހުރީ ހަމަ އެކަނި ޚިދުމަތް ދޭ ހޮސްޕިޓަލްތަކާއި ސެންޓަރުތަކުގައި ނޫންކަަމަށެވެ. ސިއްޙީ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލްތަކުގެ ބޭރުން ދޭން ޖެހޭ ފަރުވާއާއި ކުރަންޖެހޭ ކަންކަން ނުކުރެވި އެންމެ އެދެވޭ ގޮތުގައި ސިއްހީ ޚިދުމަތުގެ ކަންކަން ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ސިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތް ލިބެން ހުރި ދަތިތަކަށް ވުރެ ބޮޑަށް ޚިދުމަތް ދިނުމުގެ ނިޒާމު ވަށާ ޖެހޭ އުސޫލެއްގެ ތެރެއިން ގުޅިފައި ނެތުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ސިއްޙީ ނިޒާމުގެ ކަންކަން ތަރުތީބު ކުރުމާއި ސިއްޙީ ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިއްޙީ ސިޔާސަތުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާ އެއްކަމަކީ ސިއްޙީ ނިޒާމުގައި ހުރި ތަފާތު މައްސަލަތަކަށް ހައްލު ހޯދާދިނުން. ބަލިތަކުން ރައްކާތެރިވެ ތިބުމަށް މިހާތަނަށް އެޅިފައި ނުވާ ހަރުދަނާ ފިޔަވަޅުތަކެއް ރައީސްގެ ޒަޢާމަތުގައި ދަނީ އެޅެމުން" ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެކަމަށެވެ. އަދި ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ސިއްޙީ ސިޔާސަތު ބައްޓަން ކުރަމުން ގެންދާނީ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ދެވޭ ސަމާލުކަމާއި އެއްވަރަށް އެނިޒާމު ހަރުދާނާ ކުރަން ދެވޭ ސަމާލުކަން އިތުރުކޮށްގެންކަމަށެވެ.

ސަރުކާރުގެ ސިއްޙީ ސިޔާސަތުގައި މާލޭގައި ސިއްޙި އިމަރޖެންސީ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމާއި ބޮޑެތި ސިޓީތަކަށް އެކަން ފުޅާކުރުން ހިމެނޭކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.