ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • ކުވައިތުގެ ޤައުމީ ދުވަހަކީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަސް

ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަސް ފާހަގަކުރާ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އަމީރު، ޝެއިޚް މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ސަބާޙް އަށާއި، ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލް-އަޙްމަދު އަލް-ސަބާޙް އަށާއި، ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދިވެހިރާއްޖެއާއި ކުވައިތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، އިސްލާމީ ޢަޤީދާއާއި، އެއްބައިވަންތަ ކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި ކުވައިތާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެފައިވާކަމަށާއި މި ގުޅުމުގެ ސަބަބުން ކުވައިތުގެ ފަރާތުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބިގެންދާކަމަށެވެ.

ކުވައިތުގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ކުވައިތުގެ ކުރީގެ އަމީރު ހިޒް ހައިނަސް ޝައިޚް ޢަބްދުالله އަލް ސަލީމް އަލްސަބާޙް، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަކީ 1991 ވަނަ އަހަރު، ކުވައިތަށް އަލުން މިނިވަންކަން ލިބުނު ދުވަހެވެ.