ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން: ރައީސް


  • އެމަނިކުފާނު ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރައްވާފައި

ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ.މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ޖަމާކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ މަރުހަބާ ދަންނަވާލަން ބޭނުން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް. ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް އަޅުގަނޑު ވައުދުވީ ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނަމޭ. ޤާނޫނީ ހުރަސްތަކެއް ހުރީމަ މަޖިލިސް ތެރެއިން އެކަން ކޮށްދޭނަމޭ. އެކަން ހަމަޖައްސައިދީ މިހާރު އެދަނީ ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ޖަމާވަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އެ ދަފްތަރުގައި ޖެހިގެން ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން ފަހިވެގެންދާނެ މިއަހަރު ތެރޭގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންގެ އިތުރުން ދެން ހުރި ފަންނުތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށްވެސް ރޯދަ އިނާޔަތް ލިބެންޖެހޭކަމަށެވެ. އަދި އެކަންކަމަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.