ޚަބަރު

ޖޭޖޭ ކަޓުވާލައި، ޕީކޭ ދެވަނަ ބުރަށް


  • މެޗުން ޕީކޭ މޮޅުވީ 1-2 އިން

  • 5 މެޗުން ހޯދި 10 ޕޮއިންޓާއެކު ޖޭޖޭއަށް ލިބެނީ ދެވަނަ

މިހާރު ކުރިއަށްދާ މާލެ ރީޖަނަލް ލީގުގެ ދެވަނަ ޑިވިޝަން 2026 ގަ މުބާރާތުގެ ގްރޫޕް އޭ އިން ދެވަނަ ބުރުގެ ދެވަނަ ޖާގަ، ކްލަބް ޕީކޭއިން ހޯދައިފިއެވެ.

ޕީކޭއިން މި ގުރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދާފައި ވަނީ ގްރޫޕް ބުރުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މެޗުން މޮޅުވެގެން ވެސް އަދި އެއްވަރުކޮށްލައިގެން ވެސް ޖޭޖޭއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދެން އޮތެވެ. އެހެންނަމަވެސް ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ޕީކޭ އަތުން ޖޭޖޭ ބަލިވީ 1-2 އިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޖޭޖޭއިންނެވެ.

ޑީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އަބްދުލް އަޒީޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް، ބޯޅަ ގޯލަށް ވަނުމަށް ހުރަސް އެޅީ ކީޕަރު ވާލިދު އިދުރީސް އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޖޭޖޭއިން ކުޅުނު ނަމަވެސް މި ހާފުގައި ޕީކޭގެ އުކުޅަކަށްވީ ކައުންޓަރ އެޓޭކުތަކުގައި ފުރުސަތުތައް ތަނަވަސްކުރުމެވެ.

މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އެފަދަ ފުރުސަތެއްގައެވެ. ޕީކޭއިން އުފެއްދި ހަމަލާއެއް ގެއްލި ޖޭޖޭގެ ހުސެއިން އަޒުމީ އެ ޓީމުގެ ކީޕަރު ރިފްލާނަށް ޖައްސާލި ބޯޅަ ކްލިއަރ ކުރަން އުޅުމުގެ ތެރޭގައި އޭނައަތުން ގެއްލުނު ބޯޅަ، މުޅިން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހުމޭޒުއެވެ.

މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ޒާހިދަށް، 82 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބާރު ހަމަލާއަށް ކީޕަރު ރިފްލާން ހުރަސް އެޅިއިރު ރިބައުންސަށް އައި ބޯޅަ އޭނަ ފޮނުވާލީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް އޭގެ ތިން މިނެޓުފަހުން ޒާހިދު ވަނީ ޕީކޭއަށް ލީޑުފުޅާކޮށްދީފައެވެ. އޭރިއާ ތެރެއަށް މީސާގް ހުރަސްކޮށްދިން ބޯޅައެއްގައި މުޅިން ހުސްކޮށް ހުރެ މީސާގް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގައި ޖޭޖޭއިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ބިދޭސީ ފޯވާޑް މުޙައްމަދު ޝަބީރު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ޕީކޭއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދީ ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު، ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ. ތާވަލުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދީ 12 ޕޮއިންޓު ހޯދި ބިސްބުރު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ފަށާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.