ދ. މީދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމަށް ވެމްކޯއާ ހަވާލުކޮށްފިއެވެ.
މީދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ އަންނަނީ ހަވާލުކުރަމުންނެވެ.
ވެމްކޯއިން މިހާރު އަންނަނީ ސިޓީތަކާއި ލ. ފޮނަދޫއާއި ކ. މާފުށީ އަދި ހިންމަފުށީގައިވެސް މި ޚިދުމަތް ފަށާފައެވެ. އަދި ދާދިފަހުން ވަނީ ހއ. ދިއްދޫގައިވެސް ވެމްކޯގެ ޚިދުމަތް ފަށާފައެވެ.