ޚަބަރު

އެމްއެމްއައިއިން ކުރިއަށްގެންދިޔަ މަދަހަ ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓު ދީފި


  • މިވޯކްޝޮޕްގައި 62 ދަރިވަރުން ބައިވެރިވި

މޯލްޑިވްސް މީޑިއާ އިންސްޓިއުޓް، އެމްއެމްއައި އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "މަދަހަ ލަރނިންގް އެންޑް ރިސައިޓަލް ވޯކްޝޮޕް" ނިމި ބައިވެރިންނަށް ސެޓިފިކެޓު ދީފިއެވެ.

މިވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ މިކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

އެމްއެމްއައިގެ "މަދަހަ ލާނިންގ އެންޑް ރިސައިޓަލް ވޯކްޝޮޕް" ކުރިއަށްގެންގޮސްފައިވަނީ 5 ގްރޫޕަކަށް ބަހާލައިގެންނެވެ. އެއްމަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕްގައި 62 ދަރިވަރުން ބައިވެރިވިއެވެ. އެއީ 8 އަހަރާއި 18 އަހަރުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

މިރަސްމިއްޔާތު މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ނަސްރީން ދެއްކެވި ވާހަކައިގައި ވިދާޅުވީ، މިވޯކްޝޮޕަކީ ކުދިންގެ ކިބައިގައި ހުންނަ ހުނަރުތައް ތަރައްގީކުރުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މިވޯކްޝޮޕްގައިކުދިންގެ އަޑާއި ރާގަށް މަދަހަ ކިޔަން ދަސްކޮށްދެވުނުކަން އެމްޑީ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ނަސްރީން ވިދާޅުވީ މިރަމަޟާން މަހު ޕީއެސްއެމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ %90އަކީ އިސްލާމް ދީނާ ގުޅުންހުރި ޕްރޮގްރާމްތައްކަމަށެވެ. އަދި މިފަދަ ގޮތަކަށް ޕްރޮގްރާމްތައް ބައްޓަންކުރެވުމުގެ މަޤްސަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް އިސްލާމް ދީނަށް އިތުރަށް ލޯ ހުޅުވައިދީ ދީނަށް އަހުލުވެރިކުރުވުން ކަމަށް ނަސްރީން ވިދާޅުވިއެވެ.

"ރޯދަމަހަކީ ވަރަށް ބޮޑަށް ދީނީ ކަންކަމަށް ވަކިން ޚާއްސަކޮށް އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ ހައިސިއްޔަތުން ދިވެހި މުޖްތަމައު ވަކިން ޚާއްސަަކޮށް އަޅުގަނޑުމެންގެ އޯޑިއަންސް އެކަމަށް އަހުލުވެރިކޮށް އެކަމަށް އެވެއާ ކުރުމަށްޓަކައި ވަރަށް ބައިވަރު ޕްރޮގަރާމްތަކެއް އުފައްދާ އާންމުންނަށް ގެނެސްދެމުންދާ މަހެއް. މިގޮތުން މިއަހަރު ޕަބްލިކް ސަރވިސް މީޑިއާގެ ހުރިހާ ޗެނަލަކުން އުފައްދާ ކޮންޓެންޓަކީ %90 ދީނީ ކޮންޓެންޓް" އެމްޑީ އިބްރާހީމް ނަސްރީން ވިދާޅުވިއެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ މަދަހައެއްވެސް ހުށަހަޅާދީފައެވެ.