ރަމަޟާން މަހުގެ ފަހު 10ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނީ 3 ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ހާމަކުރައްވައިފިއެވެ.
ޑީއެންއާރުން ވަނީ މި ރަމަޟާން މަހު އެ ޑިޕާޓްމަންޓުން ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތަކުގައި ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންދަން ނިންމަވާފައި ވަނީ ހެނދުނު 9:15 އިން 11:30 އަށެވެ. އަދި ކިއުބީން ދޫކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 150 ނަންބަރުކަމަށް ޑިއެންއާރުން ހާމަކުރައްވައެވެ.
މިއަހަރުވެސް ރަމަޟާންމަހުގެ ފަހު 10އެއް ބަންދުކުރަން ނިންމާވަފައެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި އައިޑީކާޑު ދޫކުރުމަށް ނިންމަވާފައިވަނީ މާރިޗް މަހުގެ 23 ވަނަ ދުވަހާއި، 25 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެކަނިކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އެ ދުވަސްތަކުގައިވެސް ނަންބަރު ދޫކުރާނީ ކިއުބީން ދުވާލަކު 150 ނަންބަރެވެ. އަދި އިމަރޖެންސީ ހާލަތްތަކުގައި 7280368 އަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށްވެސް ޑީއެންއާރުން ވިދާޅުވެއެވެ.
ޑީއެންއާރުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކޮށް އައިޑީކާޑު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކާޑުގެ ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ކާޑު ހަވާލުކޮށްދިނުމަށް ސިޓީއެއް ހުށަހެޅުމުން އައިޑީ ކާޑް ދޫކުރާގޮތަށް ހަމަޖައްސަވާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަރިޗު މަހުގެ 1 ވަނަ ދުވަހެވެ. ރަމަޟާންމަހު ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.