ޚަބަރު

އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރީއްޔާ ފޮނުއްވައިފި


  • މިއީ އެސްޓޯނިއާގެ 107 ވަނަ މިނިވަން ދުވަސް

  • ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވެފައި

އެސްޓޯނިއާގެ 107 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއަށާއި އެޤައުމުގެ ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، ޖަނަވަރީ މަހު އެސްޓޯނިއާއަށް އެ މަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، މި އަހަރަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް ތާރީޚީ ކާމިޔާބީއެއް ލިބުނު އަހަރެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެ މަނިކުފާނު ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މިދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެސްޓޯނިއާގެ ކުރިއެރުންތައް ބައްލަވާ، ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް އެ ޤައުމުގެ އެހީތެރިކަން ހޯއްދެއްވުމަށް ނިންމަވާފައެވެ. އަދި އެޤައުމުންވެސް ވަނީ ރާއްޖެއަށް އެހީވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަށް ފަހު އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.

އެސްޓޯނިއާގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.