އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 64 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 26 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.
ލިވަޕޫލަށް ތާވަލުގެ ކުރީގައި މިހާ ބޮޑު ލީޑެއް ލިބިފައިވަނީ މި ހަފްތާގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން އާސެނަލް ބަލިވުމާއި ގުޅިގެންނެވެ. އަދި މިހާރުވެސް އާސެނަލް އެއް މެޗު މަދުން ކުޅެފައިވާއިރު އެ މެޗުން މޮޅުވެއްޖެނަމަ އެ ފަރަގު 8 ޕޮއިންޓަށް ކުޑަވެގެންދާނެއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 14 ވަނަ މިނިޓުގައި ލިވަޕޫލުން ލަނޑެއް ޖެހުމާއިއެކު އެ ޓީމުގެ ކުޅުމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 30 ވަނަ ލަނޑެވެ.
މި ލަނޑާއެކު ސަލާ ވަނީ ލިވަޕޫލް އާއިއެކު ފަސް ސީޒަނެއްގައި 30 އަށްވުރެ ގިނަ ލަނޑު އެއް ސީޒަނެއްގައި ޖަހާފަ އެވެ. އަދި މީގެ ކުރިން މި ރިކޯޑް ހަދާފައިވާ ލިވަޕޫލްގެ ކުޅުންތެރިންނަކީ ރޮޖަރ ހަންޓް އާއި އިއާން ރަޝްއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 8 މިނިޓަށް ވެފައިވަނިކޮށް ސަލާ ދިން ބޯޅަ އަކުން ޑޮމިނިކް ސޮބޮޒްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި މެޗުގައި ސަލާ ޖެހި ލަނޑަކީ ސޮބޮޒްލާއީގެ އެސިސްޓަކުން ޖަހާފައިވާ ލަނޑެކެވެ.
އަނިޔާގެ މައްސަލަތައް އިންތިހާއަށް ކުރިމަތިވެފައިވާ މެންޗެސްޓަރ ސިޓީއަށް މި މެޗުގައިވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އާލިން ހާލަންޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި މެޗުގައި ކުޅެފައެއްނުވެއެވެ.
އިއްތިހާދު ސްޓޭޑިއަމަކީ ފަހަކަށް އައިސް ލިވަޕޫލަށް ފަސޭހަ ތަނަކަށް ނުވި ނަމަވެސް ރޭގެ މެޗުގައި އެ ޓީމު ފެނިގެންގޮސްފައިވަނީ މުޅިން ތަފާތު ކޮށެވެ. މި ދަނޑުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު 15 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކުއެވެ.