ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ފްރެންކްފަރޓް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.
މި މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވިއިރު އެ ޓީމަށް ވަނީ 58 ޕޮއިންޓާއެކު ތާވަލުގެ ކުރި ލިބިފައެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފްރެންކްފަރޓްގެ ގޯލު ހުޅުވާލެފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭއެވެ.
މި މެޗުގައި ބަޔާން މިއުނިކުން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 16 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހިރޯކީ އިޓޯ އެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ބަޔާން އަށް ލިބުނު ކޯނަރެއް ފްރެންކްފަރޑްގެ ކުޅުންތެރިން ދިފާއުކޮށް ދުރަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ހިރޯކީއަށް ލިބުމުން އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ބަޔާން މިއުނިކުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އަލްފޮންސީ ޑޭވީސް ދިން ބޯޅައަކުން ކާމިޔާބުކޮށްފައިވަނީ ޖަމާލް މުސިއާލާއެވެ.
އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ސާރޖް ނަބްރީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.
އަންނަ ހުކުރު ދުވަހު ސްޓުޓްގާރޓް އާއި ދެކޮޅަށް ކުޅޭ މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެނަމަ އެ ޓީމަށް ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.