ކުޅިވަރު

ކޯލީގެ ސައްތައާއެކު ޕާކިސްތާން ކަރުތާފެނަށް


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އިތުބާރު ބެޓްސްމަން ވިރާޓް ކޯލީގެ ސައްތައާއެކު ފަސޭހަކަމާއެކު ޕާކިސްތާން ބަލިވެ، އެ ގައުމު ކަރުތާ ފެނަށް ވެއްޓިއްޖެއެވެ.

ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް ދުބާއީގައި މިރޭ ނިމުނު މެޗުގެ ޓޮސް ދިމާވެގެން ޕާކިސްތާން ގަސްތުކުރީ ބެޓް ކުރާށެވެ. ބާކީ ދެ ބޯޅަ އޮއްވައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޕާކިސްތާނަށް އިނިންގްސް ނިންމާލި އިރު ހެދުނީ 241 ލަނޑެވެ.

އެންމެ ރަނގަޅަށް ކުޅުނީ 62 ލަނޑު ހެދި ސައުދު ޝަކީލް އެވެ. އެހެން ކުޅުންތެރިންގެ ތެރެއިން 40 ލަނޑު ހަމަކުރެވުނީ ވެސް ކެޕްޓަން މުހައްމަދު ރިޒްވާނަށް އެކަންޏެވެ.

ޖަވާބުގައި ކުޅެން ނުކުމެ 42 އޯވަރުގެ ތެރޭގައި އިންޑިޔާއިން ހަ ވިކެޓުން މެޗު ނިންމާލީ ހަތަރު ކުޅުންތެރިން ނުބައިވެގެން 244 ލަނޑު ހަދައިގެންނެވެ. އެންމެ މޮޅަށް ކުޅުނީ މަޝްހޫރު ވިރާތެވެ. އޭނާ ވަނީ 111 ބޯޅައިން 100 ލަނޑު ހަދައިފަ އެވެ. އިންޑިޔާގެ ކެޕްޓަން ރޯހިތް ޝަރުމާ އިނިންގްސް ހުޅުވަން ނުކުމެ ހެދުނީ އެންމެ 20 ލަނޑެވެ. އޭނާ ނުބައި ކޮށްލީ މެޗުގައި ދެ ވިކެޓް ނެތި ޝާހީން ޝާހް އަފްރީދީ އެވެ. އެކަމަކު ޝުބްމަން ގިލް 46 ލަނޑު އަދި އިޔާ 56 ލަނޑު ހެދި އެވެ.

އިންޑިޔާ ޓީމުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ޔަދާވް އާއި ދެ ވިކެޓް ނެގި ޕަންޑާޔާ އެވެ.

މި ނަތީޖާއާއެކު ޕާކިސްތާނަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. އިންޑިޔާ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. މީގެ ތެރެއިން ޕާކިސްތާން ދެ މެޗުން ވެސް ބަލިވެފައިވާއިރު ޓޭބަލުގެ ދެ ވަނާގައިވަނީ ނިއުޒީލޭންޑެވެ. ޕާކިސްތާނަށް ބާކީ އިންޑިޔާ އަތުން ބަލިވި ބަނގްލަދޭޝް މެޗެވެ. ގްރޫޕުގެ ފަހު މެޗުގައި އިންޑިޔާ ކުޅޭނީ ނިއުޒިލޭންޑާ އެވެ.