ކާނާ ވިހަވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ބިދޭސީން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ. ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީން ތަކެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ކާނާ ވިހަވެގެން ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި 19 ބިދޭސީއަކު ގެނެސްފައިވާކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 3 އަންހެނަކާއި 16 ފިރިހެނުންނެވެ. މީގެ ތެރެއިން 17 މީހަކަށް ފަރުވާ ދިނުމަށްފަހު ރޭގައި ދޫކޮށްލައިފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ބާކީ ތިބި 2 މީހުން މިއަދު ހެނދުނު ފަރުވާއަށް ފަހު ދޫކޮށްލައިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ވިދާޅުވީ ހުރިހާ އެންމެ އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ. އަދި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.