އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފިއެވެ.
މި މެޗުން އާސެނަލް ބަލިވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން އެ ޓީމަށް ލިބިފައިވާ 53 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. މި މެޗުން އާސެނަލް މޮޅުވިނަމަ އެ ޓީމަށް ލިވަޕޫލް އާއި ދެމެދުވާ ފަރަގު 5 ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. މި މެޗުން މޮޅުވި ވެސްޓް ހޭމް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލް އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ވެސްޓްހޭމް ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ އާރޮން ވެންބިސާކާ ދިން ބޯޅަ އަކުން ޖެރޮޑް ބޮވެން އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 50 ވަނަ ލަނޑެވެ.
މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު އާސެނަލް ދަށުގައި އޮތް ފުރަތަމަ ފަހަރެވެ.
މި މެޗުގައި އާސެނަލްގެ ލިއަންދްރޯ ޓޮރޮސާޑަށް ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވެސްޓްހޭމް ޔުނައިޓެޑްގެ ގޯލުކީޕަރު އަލްފޮންސޯ އަރެއޯލާ ވަނީ ދިފާއުކޮށްފަ އެވެ.
އާސެނަލް އަށް މި މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 73 ވަނަ މިނިޓުގައި މައިލްސް ލެވިސް-ކެލީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ވެސްޓްހޭމްގެ މުހައްމަދު ކުޑޫސް އަށް ފައުލް ކުރުމާއި ގުޅިގެން ފުރަތަމަ ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް އޭނާއަށް ރަތް ކާޑު ދައްކާފަ އެވެ.
ވެސްޓްހޭމް ޔުނައިޓެޑް މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެ 18 ވަނައިގައި އޮތް އިޕްސްވިޗް ޓައުން އާއި ދެމެދުވާ ފަރަގު 13 ޕޮއިންޓަށް އިތުރުވެފަ އެވެ.