ގަތަރު އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަޝިޔާގެ އެންޑްރޭ ރުބްލޭވް ހޯދައިފި އެވެ.
އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕަރ އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހެއްގެ ނަތީޖާއަކުން ރުބްލޭވް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ހަމަ އެ ނަތީޖާއިން ޑްރެޕަރ ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތިންވަނަ ސެޓު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކެއްގެ ނަތީޖާއަކުން ރުބްލޭވް ވަނީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި މުބާރާތުގައި ފަސްވަނަ އަށް ސީޑު ކޮށްފައިވާ ރުބްލޭވް މި އަހަރުގެ މުބާރާތް ކާމިޔާބު ކުރިއިރު މިއީ އޭނާ ގަތަރު އޯޕަން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރުވެސް އޭނާ ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ތިންވަނަ ފަހަރަށް އޭޓީޕީ މުބާރާތެއް ކާމިޔާބުކުރުމަށް ނިކުތް ޑްރެޕަރ އަށް މީގެ ކުރިން ރުބްލޭވް އާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފަ އެވެ. އަދި އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ މި މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް އޭނާއަށް ދުނިޔޭގެ ރޭންކިންގެ 12 ވަނަ މަގާމު ވަނީ ލިބިފަ އެވެ.