މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލީ ހަނދުވަރުދޭގޭ އުމުރުން 23 އަހަރުގެ ޔާޝިން ރަޝީދުކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ފުލުހުން ވިދާޅުވީ، ޔާޝިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމަރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.