ޚަބަރު

ޣައްޒާގެ ކުރިމަގާ މެދު ރިޔާޟުގައި ޢަރަބިން މަޝްވަރާ ކުރަނީ


ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާއި، ޣައްޒާ އަލުން އާރާސްތު ކުރުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތަކުގައި ގަލްފުގެ ބައެއް ޤައުމުތަކުގެ އިތުރުން މިޞްރާއި އުރުދުނުން ބައިވެރިވެއެވެ. ޣައްޒާ އާރާސްތު ކުރުުމާ ގުޅޭ މަޝްވަރާތައް ޢަރަބި ޤައުމުތަކުން ފަށާފައި މި ވަނީ، އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަހަރުގެ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ރިޔާޟުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް އިޢުތިރާޟު ކުރާނެ އައު ހުށަހެޅުމެއް ތައްޔާރު ކުރުމެވެ. ޓްރަމްޕް ބޭނުންފުޅު ވަނީ ޣައްޒާއަކީ އެމެރިކާގެ ތަނަކަށް ހެދުމަށެވެ. އަދި، އެ ތަން ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްޤީކޮށް، އެމެރިކާއިން އެ ބިމުން މާލީ ނަފާ ހޯދުމަށެވެ. އެ ކަން ކުރާނީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކޮށްގެން ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، އަނބުރާ ވަޒަނަށް ދިޔުމުގެ ފުރުޞަތު ޣައްޒާގެ ރައްޔިތުންނަށް ނުދޭނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ގެންދިޔުމަށެވެ. ނަމަވެސް، އެ ދެ ޤައުމުގެ އިތުރުން ޢަރަބި ޤަައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ބަދަލުގައި އެހެން ޙައްލެއް ހޯދަން ޖެހޭ ކަމަށް ބުނެފައެވެ. އެއީ، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޢަރަބި ޤައުމުތަކުން ދެކުނު ނަމަވެސް، ޓްރަމްޕްގެ ތަސައްވުރަށް ރައްދު ދޭނެ ފުރިހަމަ ހުށަހެޅުމެއް ތައްުޔާރު ކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ނުވާ ކަމުގައި ހުޅަނގުގެ މީޑިޔާތަކުން ބުންޏެވެ.

ރިޔާޟުގައި ކުރިއަށްދާ މަޝްވަރާތަކުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން، އުރުދުންގެ ރަސްގެފާނު ޢަބްދުالله، ޤަޠަރުގެ އަމީރު އަލް-ޝައިޚް ތަމީމް ބިން ޙަމަދް އަލް-ޘާނީ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ރައީސް އަލް-ޝައިޚް މުޙައްމަދު ބިން ޛާޔިދް އަލް-ނަހްޔާން، ކުވަޔިތުގެ އަމީރު އަލް-ޝައިޚް މިޝްޢާލް އަލް-އަޙްމަދު އަލް-ޞައްބާޙް އަދި ބަހުރަޔިންގެ ވަލީއަޙުދު ސަލްމާން ބިން ޙަމަދް އަލް-ޚަލީފާ ބައިވެރިވެ ވަޑައިގަންނަވައެވެ.

ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެކުވެރި ދައުލަތްތައް (އދ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ) އަދި ވަރލްޑް ބޭންކުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ. އެ އިދާރާތަކުން މި ކަން ހާމަކޮށްފައި ވަނީ، ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޤައުލުޢާންމުގައި އެ ސަހަރަށް ދީފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ފަހު ތައްޔާރު ކުރި އިންޓެރިމް ރެޕިޑް ޑެމެޖް އެންޑް ނީޑްސް އެސެސްމެންޓް (އައިއާރްޑީއެންއޭ) ރިޕޯޓުގައެވެ.

ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ހާލަތު ވަޒަން ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި އދއާއި އީޔޫ އަދި ވަރލްޑް ބޭންކުން ބުނީ އެ ސަހަރު އަލުން އާރާސްތު ކުރުމަށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 53.2 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ. އަދި، ފުރަތަމަ ތިން އަހަރުގެ ތެރޭގައި އޭގެ ތެރެއިން 20 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ.

އޭގެ ތެރެއިން 20 ބިލިޔަން ޑޮލަރު ފޮރުކޮށްދޭނީ ގަލްފާއި ޢަރަބި ޤައުމުތަކުން ކަމަށް ބެލެވޭއިރު، އެ ކަމާ މެދު ގޮތެއް ނިންމާފައެއް ނެތެވެ. މި ކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް މާރިޗު މަހުގެ 4ވަނަ ދުވަހު މިޞްރުގެ ވެރިރަށް ޤާހިރާގައި ޢަރަބި ޤައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ.