ޚަބަރު

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް


  • މިއީ މޮމްސް އެއިޑުންހިންގާ ޕްރޮގްރާމެއް

  • ރާއްޖޭގެ އެކި ހިސާބުތަކުގަ އުޅޭ އާއިލާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިއެހީއަކީ މޮމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ގެ ދަށުން ދީފައިވާ އެހީއެކެވެ.

ބީއެމްއެލުން ވިދާޅުވީ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ދީލަތި އެހީއެއް ލިބިފައިވާކަމަށާއި، މޮމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މޮމްސް އެއިޑުން ވިދާޅުވީ މިފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ އިތުބާރެއްކަމަށާއި، ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއްކަމަށެވެ.

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މީގެ ކުރިންވެސް މޮމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.