ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އަފްޣާނިސްތާން ކޮޅަށް ރަޔަލް ރިކެލްޓަން ހެދި ސައްތައާއެކު، ފަސޭހަކަމާއެކު މި މެޗު ދެކުނު އެފްރިކާއިން ކާމިޔާބުކޮށްފިއެވެ.
ޕާކިސްތާނުގައި ބުދަ ދުވަހު ފެށި މުބާރާތުގައި މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާ ނިންމީ ބެޓްކުރާށެވެ. ރިކެލްޓަން 106 ބޯޅައިން 103 ލަނޑު ހެދިއިރު ދެކުނު އެފްރިކާ 50 އޯވަރު ނިންމާލީ 315 ލަނޑުންނެވެ.
ޖަވާބުގައި ކުޅެން ނުކުމެ އަފްގާނިސްތާނުގެ ހުރިހާ ކުޅުންތެރިން ނުބައިވީ 43.3 އޯވަރަށެވެ. އެ ގައުމަށް ހެދުނީ އެންމެ 208 ލަނޑެވެ.
އަފްގާނިސްތާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 92 ބޯޅައިން 90 ލަނޑު ހެދި ރަހްމަތެވެ. އެހެން އެއްވެސް ކުޅުންތެރިއަކަށް 20 ލަނޑު ވެސް ހަމަނުކުރެވެ އެވެ.
އަފްގާނިސްތާނުން އެންމެ ރަނގަޅަށް އުކާފައިވަނީ ދެ ވިކެޓް ނެގި ނާބީ އެވެ. ދެކުނު އެފްރިކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓް ނެގި ރަބާދާ އެވެ.
މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެވެ. ގްރޫޕް އޭ ގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި އިންގްލޭންޑެވެ. މުބާރާތުގައި މާދަމާ ކުޅޭނީ އިނގިރޭސިންނާއި އޮސްޓްރޭލިޔާ އެވެ.