އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފަށައިފިއެވެ.
އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް ދާއިމީ ޙައްލެއް ނުލިބި އޮތުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އައްޑޫ ސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް މައްސަލަތަކެއް ދިމާވަމުން އަންނައިރު، އެ މައްސަލަ ރަމަޟާން މަހަށް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރައްވައިގެން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަދުވަހު އެ ސިޓީއަށް ވަނީ 1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީއަށް ގެންދެވުނު 1.8 މެގަވޯޓުގެ ޖަނަރޭޓަރު ސެޓް އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ޖަނަރޭޓަރު ސެޓުން ކަރަންޓު ފޯރުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ވަނީ ޚިދުމަތަށް ބޭނުން ކުރަން ފަށާފައި.#TeamFenaka pic.twitter.com/zy3xNwLNtn
— Fenaka Corporation Ltd (@TeamFenaka) February 21, 2025
ފެނަކައިން ވިދާޅުވީ، އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ 3 ޖަނަރޭޓަރެއް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން 1 ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފަށާފައިވާކަމަށެވެ. އަދި ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ހިންގަން ފެށޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާ މަހަކަށްވާތީ އާއި، އައްޑޫ ސިޓީގައި ތަރައްޤީގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުން ދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފެނަކައިން ދަނީ މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތްވެސް ހުއްޓި ދިގުމުއްދަތެއް އޮތުމަށްފަހު، އެ މަސައްކަތް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.