ޚަބަރު

ތަރުޙީބަށް ބަލައި ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސަނީ


  • މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ ރޭ 8:30 ގައި

  • މާލެ ސަރަޙައްދުގެ 5 ތަނަކުން މަސްދަޅު ކޭސް ދަނީ ބަހަމުން

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގެއަކަށް ދޭ މަސްދަޅު ކޭސް ހޯދުމަށް ރޭ އިޖާބަދިން ވަރު ބަލައި ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސަން ނިންމައިފިއެވެ.

އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބަހަން ފެށީ ރޭ 8:30 ގައެވެ. އެ ނިންމުމާއެކު ގިނަ އަދަދެއްގެ ބަޔަކު މަސްދަޅު ބަހާ ސަރަހައްދުތަކުގައި ކިއު ހަދާލިއެވެ.

އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ބަހާއިރު، ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 180 ގްރާމްގެ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަންޖެހެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް 5 ސަރަޙައްދެއް ވަނީ ހަމަޖައްސާފައެވެ. އަދި މިމަހުގެ 27 ހަމައަށް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ބަހާ ނުނިމެއްޖެނަމަ ރޯދަމަހުގެ ތެރޭގައިވެސް މަސްދަޅު ކޭސް ބަހަމުންދާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދެމުން އަންނައިރު މިދިޔަ އަހަރު ހަދިޔާގެ ގޮތުގައި ދީފައިވަނީ ކާޑުގެ 2 ބާވަތެކެވެ. މީގެ އިތުރުން މިދިޔަ އަހަރު ކަރަންޓު ބިލުން ޑިސްކައުންޓް ދީފައިވާއިރު ރަމަޟާންމަހުގެ ފަހު 10 ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.