ސިޔާސީ

ސިޔާސީ މަސްރަޙް ހަމައަކަށް އެޅުވުމަށް މަޝްވަރާކުރުން މުހިންމު


ރާއްޖޭގެ ޤާނޫނުގެ ތެރެއިން ކުރެވެންހުރި ކޮންމެކަމެއް ކުރައްވައިގެންވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމައަކަށް އެޅުވުމަށްޓަކައި ސިޔާސީ ޕާރޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާކަމަށް، މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާރޓީތަކުގެ މަޝްވަރާތައް އަލުން ފެއްޓެވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. އަދި  މި މަޝްވަރާތައް މި މަހުގެތެރޭގައި އަނެއްކާވެސް ކުރިޔަށް ގެންދަވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އ.ދ ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދަވާ މަޝްވަރާތައް ފަށްޓަވަނީ މި މަޝްވަރާތަކަށް އދ. ކަނޑައަޅާފައިވާ މަންދޫބް ތަމްރަތު ސެމިއުލް ރާއްޖެ ވަޑައިގަތުމުންކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، އދ.ގެ މަންދޫބު ބައިވެރިކުރައްވައިގެން މަޝްވަރާތައް ފަށްޓަވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ކުރިން ބޭއްވެވި މަޝްވަރާތަކުގައި ވާހަކަދެކުވުނު ކަންކަން، އެއްވެސް ފަރާތަކުން ހާމަނުކުރުމަށް އެއްބަސްވެފައިވާއިރުއެ ވަހާތައް އިދިކޮޅު ފަރާތަކުން ހާމަކޮށް، ސްޓޭޓްމަންޓް ނެރުމަކީ މަޝްވަރާތަކަށް ހުރަސްއެޅުންކަމަށް ސިފަކުރައްވައި، ޑރ. ޝައިނީ ވިދާޅުވީ، މަޝްވަރާގެ ކުރިއަށް ގިނަ ކަންކަން ކުރުމަށްއިދިކޮޅު ފަރާތްތަކުން ސަރުކާރަށް މަތިކުރަމުން ގެންދާގެންދިއުމަކީ، މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ނަމަވެސް ސަރުކާރުން ޤާނޫނުގެ ތެރެއިން ކުރެވެން އޮތް ކޮންމެކަމެއް ކުރައްވައިގެންވެސް މި މަސްރަޙް ފިނިކުރުމަށް ސަރުކާރަށް ކޮށްދެވެންއޮތް ކޮންމެކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ޝައިނީ ދެއްވިއެވެ.

މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފެށްޓެވި ސިޔާސީ ޕާރޓީތަކުގެ މަޝްވަރާ 5 ފަހަރެއްގެ މަތިން ސަރުކާރުގެ ނިންމުން ބަދަލުކުރައްވައި، އިދިކޮޅު ފަރާތްތަކުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރެއްވިނަމަވެސް ވަނީ ކާމިޔާބު ނުވެފައެވެ.

ސަރުކާރުން އިސްނަންގަވައިގެން ފަށްޓާވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މިމަހު އަލުން ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ އެ މަޝްވަރާތަކުގައި ދެން ބައިވެރިވާނީ އިދިކޮޅު ފަރާތްތައް ގުޅިގެން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިއްތިޙާދުންކަމަށެވެ. ނަމަވެސް އެވާހަތަކަށް ރައްދުދެއްވައި، ޑރ.ޝައިނީ ވިދާޅުވީ، ސަރުކާރުން މަޝްވަރާތައް ފެއްޓެވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކުގައިކަމަށާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ކިޔާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތްކަން އެންގިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން އަލުން މަޝްވަރާތައް ފައްޓަވާއިރު ހުރިހާ ސިޔާސީ ޕާޓީތަކެއް މަޝްވަރާތަކުގައި ބައިވެރިވާނެކަށާއި މަޝްވަރާތައް ކާމިޔާބުވާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.