ކެމަރޫންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސެމުއެލް އެޓޫ، ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެފައިވާ މައްސަލައިން އޭނާ ސަލާމާތްވެއްޖެއެވެ.
ކެމަރޫންގެ ގައުމީ ޓީމާއިއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ދެ ފަހަރު މަތިން ކާމިޔާބު ކޮށްފައިވާ އެޓޫ ގެ މައްސަލައެއް އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބަލަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ އާއި ދެކޮޅަށް ކެމަރޫންގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތަކަކާއި ގުޅިގެންނެވެ.
އެޓޫގެ މައްސަލައެއް ފުރަތަމަ ބަލަން ފަށާފައިވަނީ ބެޓް ކުރާ ކުންފުންޏެއްގެ އެމްބަސަޑަރެއްގެ ގޮތުގައި އެޓޫ މައްސަކަތް ކުރުމަށް އެފަރާތާއިއެކު ސޮއި ކުރުމާއި ގުޅިގެންނެވެ. އަދި އެ މައްސަލައިގައި އެޓޫ ވަނީ ކުޅިވަރުގެ ރޫހާއި އަދި އަސާސީ ގަވާއިދާއި ޚިލާފު ވެފައިވާކަމަށް އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އެކުލަވާލި ކޮމިޓީ އަކުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މައްސަލައަކީ ހަމައެކަނި އެފަރާތުގެ އެތިކްސް ކޮމިޓީއަށް ބެލޭނެ މައްސަލައެއް ކަމަށް އެޓޫގެ ވަކީލުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެޓޫ އާއި ދެކޮޅަށް ކެމަރޫންގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ވަނީ މެޗު ވިއްކާލުމާއި އަދި އިންތިހާބާއި ދިމާކޮށް ރިޝްވަތު ދީފައިވާކަމަށް ބުނެވެސް އިތުރު ތުހުމަތުތަކެއްކޮށް އޭނާ އާއި ދެކޮޅަށް އިތުރު މައްސަލަތަކެއްވެސް ހުށައަޅާފަ އެވެ.
ނަމަވެސް މި މައްސަލައިގައި އެޓޫ އާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށްބުނެ އެމައްސަލަވެސް ވަނީ ނިމިފަ އެވެ.
ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަރ މިލާނަށްވެސް ކުރިން ކުޅެފައިވާ އެޓޫ އަށް މިދިޔަ ސެޕްޓެމްބަރ މަހު ވަނީ ހަ މަސް ދުވަހުގެ މުއްދަތަށް ކެމަރޫން ކުޅޭ އެއްވެސް މެޗެއް ބެލުމަށް ދަނޑަށް ނުދެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.
އެފްރިކާގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް ވާދަކުރުމުގެ ކެމްޕޭން އެޓޫ ދަނީ ކުރަމުންނެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުމަށް އޭނާ އާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި އެ މައްސަލަތައް ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ހުށައަޅާނެކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފަ އެވެ.