ޚަބަރު

ކ.ހިންމަފުށީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި


ކ.ހިންމަފުށީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ.

ހިންމަފުށީ ބިން ހިިއްކުމަށް ހިއްކުމަށް ހަމަޖެހިފައިވަނީ އެރަށު ދެކުނު ފަރާތު ފަޅުތެރެއިން 21.6 ހެކްޓަރުގެ ބިމެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓާ ކުންފުންޏާ ޙަވާލުކުރައްވައިގެން ކަމަށެވެ.

އެކުންފުނިން ބިން ހިއްކުމަށް ބޭނުންކުރަމުންދަނީ ދުނިޔޭގައި ދެވަނައަށް އޮތް އެންމެ ބޮޑު ޑްރެޖަރ ބޭނުންކޮށްގެންނެވެ. ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ނިންމަވާލެއްވެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހިންމަފުށީ ބިން ހިއްކާ ނިމުމަށްފަހު، ހިއްކި ސަަރަޙަައްދު ޙިމާޔަތްކުރުމަށް ބޮޑު ހިލަ ޖެހުމަށް ހަމަޖެހިފައިވެއެވެ. މިމަޝްރޫޢަށް 104 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ. ހިންމަފުށީ ބިން ހިއްކަނީ އއ.އަތޮޅުން ވެލި ނަގައިގެންނެވެ. ހިންމަފުށީގައި އަލަށް ހިއްކާ ސަރަަޙައްދު ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމަށާއި، އެހެނިހެން ބޭނުންތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ސ.ފޭދޫއާއި، ގދ. ތިނަދޫ އަދި މާލޭ އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރުމަށް ބޭނުންވާ  ބިން ހިއްކާފައިވަނީވެސް،  ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓާ ކުންފުނިންނެވެ.