ޚަބަރު

ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ ކޮލިފިކޭޝަނުގައި ރާއްޖެއަށް ދެވަނަ މޮޅު


ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ އޭޝިއާ އޯޝޭނިއާ ޕްރީ ކޮލިފިކޭޝަންގެ އަންހެން ބައިން އޮމާން އާއި ވާދަކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިއެވެ.

ބަހްރެއިނުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.އެފް) ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ އޭޝިއާ އޯޝޭނިއާ ޕްރީ ކޮލިފިކޭޝަން 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 19 ފެބުރުއަރީގައި އޮމާން އާއި ދެކޮޅަށް ކުޅުނު ތިން މެޗުވެސް ގެންދިޔައީ ރާއްޖެއިންނެވެ.

އެގޮތުން ފުރަތަމަ މެޗުގައި ރާއްޖޭގެ ކިޔާރާ އުސާމާ އަލީ އޮމާންގެ އަލް ބުސެއިދީ ތަލްޔާ އާއި ދެކޮޅަށް ނިކުން މެޗުގެ ދެ ސެޓު ކިޔާރާ ގެންދިޔައީ 6-2 އަދި 6-1 ންނެވެ.
ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން އޮމާންގެ އަލް އަޒްކާވީ އަރީން އާއި ބައްދަލުކުރި މެޗުގެ ދެ ސެޓު ކަރިން ގެންދިޔައީ 6-2 އަދި 6-1 ންނެވެ.

ތިންވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރް އާއި ކިޔާރާ އުސާމާ އަލީ ޕެއާ ނިކުތީ އަލް އަޒްކާވީ އަރީން އާއި އަލް ބުސެއިދީ ތަލްޔާގެ ޕެއާ އާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާއަކުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 6-1 އަދި 6-4 ންނެވެ.

މި ރައުންޑްގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 17 އިން 22 އަށެވެ.

މި މުބާރާތުގައި ދެން ކުރިއަށްދާނީ ފިރިހެނުން ކުޅުންތެރިންގެ މެޗްތަކެވެ. ރާއްޖޭން ބައިވެރިވާ ފިރިހެން ކުޅުންތެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފިރިހެން ކުޅުންތެރިންނަކީ މިކާ މުހަންމަދު ކަލީމް، ލޫޠް އަޤްލީމް އަހްމަދު އަދި އިބްރާހިމް ޒަފަޔާން މުހައްމަދު ސަލާމްއެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.އެފް) ވޯލްޑް ޖޫނިއަރ ޓެނިސް މުބާރާތުގެ ފިރިހެން ކުދިންގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 24 އިން މާރޗް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަހްރެއިނުގައި ކުރިއަށްދާ މި މުބާރާތަކީ ރާއްޖެއިން މިއަހަރު ބައިވެރިވާ ފުރަތަމަ މުބާރާތެވެ. އަދިވެސް އިތުރު ގިނަ މުބާރާތްތަކެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަނީ ތާވަލުކޮށްފައެވެ.