ރަސްފަންނު މަރާމާތުކުރުމަށް އެސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެސަރަހައްދަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22އިން 28އަށެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ. އެގޮތުން އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް މިތަނުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ގިނަ ތަންތަން މިހާރު ބޭނުން ނުކުރެވެއެވެ.
ރަސްފަންނު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާ ކަމީ އެތަން ބޭނުންކުރާ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މިއާއެކު ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިހެން ވިދާޅުވެފައިވަނިކޮށް ރަސްފަންނު ތަރައްޤީ ކުރުމަށް އެސަރަހައްދު މިމަހުގެ 22އިން 28އަށް ބަންދުކުރުމަށް ނިންމާފައިވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެވުޒާރާއިން ވިދާޅުވީ ރަސްފަންނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައްކުރުމަށްޓަަކައި މިމަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލުން އެވުޒާރާއާ ހަވާލުކޮށްފައިވާކަމަށެވެ. އެހެންކަމުން ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މި މަސައްކަތްތައް ފެށުމަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ރަސްފަންނު މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެންކަމަށާއި، މިމުއްދަތުގައި މުޅި ރަސްފަންނުގެ މަސައްކަތްތައް ކުރިއަށްދިއުމަށް ހަމަޖެހިފައިވާކަމަށެވެ.