ރޯދަ

ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް 3 މަގެއް ބަންދު ކުރަނީ


ފިޠުރު ޢީދުނަމާދު ކުރާ ވަގުތު އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ 3 މަގެއް ބަންދުކުރައްވަން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއިބެހޭ ގޮތުން މަޢުލޫމާތުދެއްވަމުން ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒުހާން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުގެ ގޮތުން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުން އޯކިޑްމަގާއި، ފިޔާތޮށިގޯޅި އަދި ފިޔާތޮށި މަގު ބަންދުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި މެދުޒިޔާރަތްމަގު، ޝަހީދު ޢަބްދުﷲ ޒުހައިރު މަގާއި ހިސާބުން ބަންދު ކުރައްވާނެކަމަށެވެ. މީގެ އިތުރުން އަމީރު އަޙުމަދު މަގު ބަންދުވާނެކަމަށާއި، މި ނިންމެވުމަށް އިތުރު ބަދަލުތަކެއް ގެންނަވަން ނިންމަވައިފިނަމަ، އެކަމެއް ޢާއްމުކޮށް އިޢުލާނު ކުރައްވާނެކަމަށްވެސް ޒުހާން ވިދާޅުވިއެވެ.

މި އަހަރުގެ ފިޠުރު ޢީދު ދުވަހު ޢީދު ނަމާދު، އިސްލާމީ މަރުކަޒުގެ އިތުރުން 23 މިސްކިތެއްގައި ކުރުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި އަހަރުގެ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތަށް، އިސްލާމީ މަރުކަޒާއި އެމަރުކަޒާއި ގުޅިފައިވާ ސަރަހައްދުގައި އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމަށް، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. އަދި މާބްލް ޖަހާފައިވާ ސަރަޙައްދަށް ނަމާދަށްދާ މީހުން ހުސްފަޔާ ވެއްނެވުމަކީ އެ މިނިސްޓްރީގެ  އެދިވަޑައިގެންނެވުމެއްކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިސަރަޙައްދުގައި ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު ހެނދުނުގެ ސައިފޮދެއް ހަމަޖެހިފައިވާނެކަމަށާއި، މިކަންތައް އިންތިޒާމް ކުރައްވާފައިވަނީ އަންހެން ބޭކަނބަލުންނާއި ފިރިހެން ބޭފުޅުންނަށް ވަކިންކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތާއި ވިލިމާލެ ބޯޅަދަނޑުގައިވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.