ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި 49 މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. މިޕްރޮގްރާމު ކުރިއަށް ގެންދިޔައީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެންނެވެ.
އެޗްޑީސީއިން ވިދާޅުވީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއްގެ އިތުރުން މަސައްކަތުގެ ތަޖުރިބާވެސް ލިބިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ކޮންމެ މަހަކު އެލަވަންސެއް ލިބޭ ގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ އެޗްޑީސީން ކުރިއަށް ގެންދިޔަ މިފަދަ 7ވަނަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމަކީ ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. ހަމަމިއާއެކު ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ފަރާތްތަކަށް ފުރުޞަތުތަކެއް ހުޅުވާލައި، މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުން އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުންކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި 6 ދާއިރާއަކުންވަނީ ތަމްރީންތައް ދީފައެވެ.
* ގާޑަނިން
* ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން
* ފްރަންޓް އޮފީސް ސަރވިސަސް
* ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
* އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް
* ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
އެޗްޑީސީން ވިދާޅުވީ، މަސައްކަތު ދާއިރާއިން 3000 ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގައި އެކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ޒުވާނުން ބިނާކޮށް ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.