އިޖްތިމާޢީ ޢަދުލުވެރިކަން ހާސިލުކުރުމަށްޓަކައި ކޮންމެ ރައްޔިތެއްގެވެސް ބައިވެރިވުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ އިޖްތިމާޢީ ޢަދާލަތުގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، އިޖްތިމާޢީ ޢަދުލަކީ ސުލްޙަވެރި ފާގަތި ޤައުމެއްގެ މައިގަނޑު އަސާސްކަމަށެވެ. އަދި މިކަން ސާބިތުވަނީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަޤީންކުރުމަށާއި، ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން އިތުރުކުރުމަށާއި، މުޖުތަމައުގެ ބައިވެރިވުމާއި މަޝްވަރާގެ ތެރެއިން ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުންކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއަސާސްގެ މައްޗަށް ބިނާވާ މުޖުތަމަޢެއް އުފެއްދުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއެއްވަރަށް ތަރައްޤީކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާކަމަށެވެ. ހަމަމިއާއެކު، މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، އެކަހެރިވެ ބާކީވެފައިވާ ކުދި މުޖުތަމަޢުތައް ބާރުވެރިކުރުވުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ބަދަލުތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައިވެސް ސަރުކާރުން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިޖްތިމާޢީ ޢަދުލުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޢިއްޒަތާއި އިންސާފުވެރިކަމާއި ހަމަހަމަކަން ޤާއިމުވެފައިވާ މުޖުތަމަޢެއް އުފެއްދުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ތަފާތު ކުރުމެއްނެތި އެންމެހައި ރައްޔިތުން ޝާމިލުވާގޮތަށް ޢަދުލުވެރި މުޖްތަމައެއް ޤާއިމްކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި މިކަމަކީ މަދަނީ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ އެއްބާރުލުމާއެކު ކުރެވޭނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނަމަވެސް، އިޖްތިމާޢީ ޢަދުލުވެރިކަން ހޯދައިދިނުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއްނޫން. މިކަން ހާސިލުކުރުމަށްޓަކައި މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަދަނީ މުޖުތަމަޢާއި އަދި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން މުހިންމު. އަޅުގަނޑުމެން އެންމެން ގުޅިގެން ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވެ، ފުރުސަތުތަކަށް ހުރި ހުރަސްތައް ނައްތާލައި، ކޮންމެ މީހެއްގެވެސް އަޑު އަހާ، އަގުވަޒަންކުރާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތްކުރަންޖެހޭ." ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ވަނީ 2024 ވަނަ އަހަރު "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގެ މެންބަރަކަށް ވެފައެވެ. މިއީ ތަފާތު ކުރުމެއްނެތި އެންމެހައި ރައްޔިތުން ޝާމިލުވާ ތަރައްޤީއާއި، އެންމެހައި ފަރުދުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި، އެއްވެސް މީހަކާމެދު އިހުމާލު ނުވުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ ރަމްޒެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވިއެވެ.