ޚަބަރު

ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ޑޯޓްމުންޑް ދެވަނަ ބުރަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ގައި ރޭ ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަން އާއި ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބޮރޫޝިޔާ ޑޯޓްމަންޑް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު ދެވަނަ ލެގުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ރަށުން ބޭރުގައި ޑޯޓްމަންޑް އިން ވަނީ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޑޯޓްމަންޑް އިން ކުޅެފައިވީ ނަމަވެސް އެ ޓީމަށް ވަނީ ސްޕޯޓިންގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.

އެގޮތުން އެ ޓީމަށް ލަނޑު ޖެހުމަށް އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ މެޗުގެ ދެވަނަ ހާފުގައި ރުއި ސިލްވާ ޕެނަލްޓީ އޭރިޔާ ތެރެއިން އަޑެޔޭމީއަށް ފައުލް ކުރުމާއި ގުޅިގެން ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީ އެވެ. ނަމަވެސް ސާހޯ ގުރެސީ ފޮނުވާލި ޕެނަލްޓީ ސްޕޯޓިންގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވެފައިވާ ޑޯޓްމަންޑް އިން ދެވަނަ ބުރުގައި ނިކުންނާނީ އެސްޓަން ވިލާ ނުވަތަ ފްރާންސްގެ ލިލް އާއި ދެކޮޅަށެވެ.

ސްޕޯޓިންގ އިން މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ވިކްޓަރ ގިޔޮކޯރެސް އާއި ފްރެންސިސްކޯ ޓްރިންކާއޯ އަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.