ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރަށް އިތުރު 30 އެނދު


  • މިމަޝްރޫޢުގެ މަސައްކަތްތައް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވޭ

  • މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ފަރުވާދެމުންދޭ

ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެސެންޓަރަށް 30 އެނދު އިތުރުކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއްކަމަށްވާ މެޑްޓެކް އަދި މެޑިކޮމްއާއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރަށް އިތުރުކުރާ 30 އެނދުގެ މަޝްރޫޢުގެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ. މިއެނދުތައް ޤާއިމްކުރެވޭނީ ހުޅުމާލޭ ހޮސްޕިޓަލްގެ އޮރެންޖް ހިޔާގައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެކަމަށާއި އަދި މިމަޝްރޫޢުގެ ސަބަބުން ޑައިލިސިސްގެ ޚިދުމަތް ހޯދުމަށްޓަކައި ގިނަ ބަޔަކު ވެއިޓްލިސްޓްކޮށް ކިއުގައިޖެހޭ މައްސަލައަށް ހައްލެއް އަންނާނެކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މީގެކުރިން ވަކި ގަޑިތަކެއްގައި ދެމުން އައި މިޚިދުމަތް 24 ގަޑިއިރަށް ލިބޭގޮތަށް ބަދަލުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގައި މިވަގުތު 10 އެނދު ޤާއިމްކުރެވިފައިވާއިރު، އޭގެ ތެރެއިން އެއް އެނދަކީ ކުއްލި އެމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ދަނީ ފަރުވާދެމުނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.