ރަމަޟާންމަހު ބައެއް ވަގުތުތަކުގައި ބާޒާރު މަތީގެ ޓްރެފިކަށް ބަދަލު ގެންނާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ބާޒާރު މައްޗަކީ ރޯދަމަހު އެންމެ ބާރުބޮޑުވާ ސަރަޙައްދަށްވުމާއެކު، އެސަރަޙައްދުގެ ރައްކާތެރިކަން އިތުރުކުރުމާއި ޓްރެފިކަށް ބަދަލު ގެންނަން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަސްލަހް ވިދާޅުވީ، ރަމަޟާން މަހު ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ގެންނާނެ ބަދަލުތަކުގެ ޕްލޭން މިހާރު އެކުލަވާލާފައިވާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެގޮތުން، ރޯދަމަހު ގެންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ބާޒާރުމަތީ ފިހާރަތަކާއި އެ ސަރަޙައްދަށް ބަނދަރުކުރާ މުދާ އުފުލާ ދޯންޏާއި ބޯޓު ފަހަރަށް މިހާރު ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ޕޭމަންޓް މަތީ މުދާ ނުބެހެއްޓުމާއި އުޅަނދުތަކަށް މުދާ އަރުވާ ބޭލުމުގައިވެސް އެކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޒޯންތައް ބޭނުންކުރުމަށް ވަނީ އަހުލުވެރިކޮށްފައެވެ. އަދި މުދާ ވިއްކުމަށް ޕޭމަންޓާއި ޕާކިން ޒޯންގައި ނުބެހެއްޓުމަށާއި، ކަނޑައަޅާފައިވާ ތަންތަނަށް ވީހާވެސް އަވަހަށް މުދާ ގެންދިއުމަށް ވަނީ އިރުޝާދު ދީފައެވެ.
"މަސައްކަތް ކުރަނީ އެންމެ ބާރު ބޮޑުވާ ގަޑިތަކުގައިވެސް ބާޒާރުމައްޗަކީ ބޭނުންކުރަން ފަސޭހަ ސަރަޙައްދަކަށް ހެދުން. އެހެންވީމަ ޕޭމަންޓާއި ޕާކިން ޒޯންތަކުގައި މުދާ ބަހައްޓައިގެން ވިއްކާނަމަ، ފުލުހުންނާއި ސިޓީ ކައުންސިލުން އެތަކެތި ނަގާނަން. މުދާ އަރުވާ ބާލާއިރުވެސް އެކަމަށް ޚާއްސަ ޒޯންތައް ބޭނުންކުރުން ވަރަށް މުހިންމު." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ރަމަޟާންމަހު ބާޒާރު މަތީގައި އެންމެ ބާރު ބޮޑުވާ ވަގުތު، މެންދުރު 01:00އިން ހަވީރު 06:00އަށް، ގަވާއިދުން މެދުނުކެނޑި ފުލުހުން އެސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެކަމަށެވެ. އަދި މަގުތަކުގައި އުޅަނދު ދުއްވޭ ގޮތްތަކަށްވެސް ބައެއް ބަދަލުތައް ގެންނާނެއެވެ.
"ބާޒާރުމަތީ ސަރަޙައްދުގައި، ބޮޑުތަކުރުފާނު މަގަށް ނިކުމެވެން ހުންނަ ގޯޅިތައް މެންދުރު 01:30އިން ހަވީރު 04:00އަށް ބަންދުވާނެ. ދެން މާބޮޑަށް ޓްރެފިކް ބާރުބޮޑުވާނަމަ، ބޮޑުތަކުރުފާނު މަގު ފާރުކެނޑި ހިނގުމުން ފަށައިގެން، ހުޅަނގުން އިރަށް 4 ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރާނަން. ސައިކަލު އެކަނި ދުއްވޭނީ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެ ސަރަޙައްދުގައި ވިޔަފާރުކުރާ ފަރާތްތަކާއި ޚިދުމަތް ހޯދަން ދާ މީހުންވެސް މި ބަދަލުތަކަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. ޚާއްސަކޮށް އެ ސަރަޙައްދުގައި އުޅަނދު ޕާކުކުރުމާއި، ޒޯންތަކުގައި ޕާކުކުރުމާއި، ހިނގާ އަދި ދުއްވާ މީހުންނަށް އުނދަގޫ ނުވާގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އެދިވަޑައިގެންފައެވެ.