ޚަބަރު

ސާކް ޔޫތު އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


"ސާކް ޔޫތު އެވޯޑް 2014" ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މި އެވޯޑަށް ނަން ހުށައެޅުމަށް ދެވަނަ ފަހަރަށް ހުޅުވާލީ، މީގެ ކުރިންވެސް އެފުރުޞަތު ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، ސާކް ސެކްރެޓޭރިއަޓުން އަލުން އެވޯޑަށް ނަން ހުށަހެޅުމަށް ފުރުޞަތު ދެއްވާފައިވާތީކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ސާކް ޔޫތު އެވޯޑަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކް އިން 1996 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ޒުވާނުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ދެވެނީ އަހަރަކަށް ކަނޑައެޅިފައިވާ ޝިޢާރާގުޅޭ، ސާކްގެ މެންބަރު ޤައުމުތަކުގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުންނަށެވެ. އެގޮތުން، މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ" އެވެ. އަދި މިއަހަރުގެ އެވޯޑް ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނަށެވެ.

ސާކް ޔޫތު އެވޯޑް 2014 އަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެވޯޑަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ފޯމު ފުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް ހުށަހެޅުމަށް ޔޫތް މިނިސްޓްރީން އެދިވަޑައިގަންނަވަައެވެ.

ސާކް ޔޫތު އެވޯޑަށް ހޮވޭ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ސާރކް ރަން މެޑަލްގެ އިތުރުން 3،000 އެމެރިކާ ޑޮލަރު އަދި ހަނދާނީ ލިޔުމެއް ސާކް ސެކްރެޓޭރިއަޓްގެ ފަރާތުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެވޯޑަށް ހޮވޭ ފަރާތްތައް އެވޯޑް ޙަފްލާއަށް ދިއުމާއި، އެނބުރިއައުމުގެ ޚަރަދު ސާކްއިން ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.