ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން 450އަށް ވުރެ ގިނަ އުޅަނދު މިހާތަނަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއީ މާލޭގެ މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް އަދި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުންދާ މަސައްކަތެކެވެ. މިކަން ކުރަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެގޮތަށް ކަންކަން އިންތިޒާމުކުރުމަށްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތުގެ ދަށުން މާލޭގެ މަގުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ދޫކޮށްލާފައިވާ 468 އުޅަނދެއް ފުލުހުން ވަނީ މިހާތަނަށް ނަގާފައެވެ.
- އިންޖީނުލީ ދެ ފުރޮޅުޅުލީ - 432 އުޅަނދު
- ހަތަރު ފުރޮޅުލީ - 33 އުޅަނދު
- ބައިސްކަލު - 3 އުޅަނދު
މާލެއާއި ހުޅުމާލޭގެ މަގުތަކުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އެގޮތުން މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުންގެންދާއިރު، ހުޅުމާލޭގައިވެސް އެމަސައްކަތް ފަށާފައިވަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، ޕާކު ކުރާނެ ޖާގަ ހެދުމަށްކަމަށް ފުލުހުންހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން މިގޮތަށް ނަގާ ކުރާ އުޅަނދުތައް ވަކި މުއްދަތެއް ހަމަވުމުން ފުލުހުން ނައްތާލާއެވެ. އެގޮތުން ފުރަތަމަ ޓޯވޔާޑަށް ގެންދާތާ 7 ދުވަސް ވުމުން ވެރިފަރާތް ހާޒިރުވުމަށް އިއުލާންކުރެއެވެ. އޭގެ ފަހުން ދެ މަސް ދުވަހަށްފަހު، ވެރިފަރާތް ހާޒިރުނުވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމަށް ޓްރާންސްޕޯޓަށް ފުލުހުން ހުށަހައަޅައެވެ. އޭގެ ފަހުން ފުލުހުން އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ މަސައްކަތް ކުރެއެވެ.
މިގޮތަށް ނަގާފައިވާ ގިނަ ޢަދަދެއް އުޅަނދުތަކެއް ފުލުހުން ވަނީ މިދިޔަ މަހުވެސް ނައްތާލާފައެވެ. އެގޮތުން އުސޫލުގެ ތެރެއިން އެފަހަރު 446 އުޅަނދެއް ފުލުހުން ވަނީ ނައްތާލާފައެވެ.